ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން މައްސަލައަށް އަސަރު ފޯރާ ގޮތަށް ދައުލަތުގެ މުއައްސަސާއަކުން ވިޔަސް އެހެން ފަރާތަކުން ވިޔަސް ކުރާ އަމަލީ ބާތިލު ކަމެއް ކަމަށާއި އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނަނީ ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރު ފޯރާނެހެން ދައުލަތުގެ މުއައްސަސާއަކުން ވެސް އެހެން ފަރާތަކުން ވެސް ބަހުސްކޮށް ފިޔަވަޅެއް އެޅުމަކީ މަނާ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ 2010 ގެ އަމުރަކުން ކަނޑައެޅިގެން ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އަދި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ގާއިމުކޮށްފައިވާ ޝަރުއީ ނިޒާމަކީ މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމަކަށްވެފައި ކޯޓްތަކުގެ މިނިވަން ކަމާއި މުސްތަގިއްލުކަން ރާއްކާތެރިކޮށް ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެ ތިބި އެންމެހާ މީހުންގެ މައްޗަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އިން ލާޒިމްވާ ކަމަކަށްވާތީ އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމުގައި ހަވާލުވެ ހުރި މީހަކު ވިޔަސް މިނިވަން މުސްތަގިއްލު ފަނޑިޔާރު ގޭގެ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސގެ 141 ވަނަ މާއްދާގެ (ނ) ގައި ސާފު ބަހުން ބުނެފައިވާތީ ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭ ގޮތުން އެ މައްސަލައަކާމެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބަހުސްކޮށް އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމައި ފިޔަވަޅެއް އެޅުމަކީ 141 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ އަމަލަކަށް ވެގެން ދާނެ ކަމަށެވެ.
ސުޕްރީމް ކޯޓްގެ އަމުރުގައި ބުނަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކާ ނުވަތަ ދައުލަތުގެ މުއައްސަސާއަކާ ނުވަތަ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި ހުސޫމަތުތައް ހައްލު ކުރުމުގެ އިހުތިސޯސް ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާއިން ސާފުކޮށް އެނގޭ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާއިން ކަނޑައެޅި ބަޔާން ވެގެން ވާ ކަމަށެވެ.
އަދި އާ ގާނޫނު އަސާސީފެ ފަސްވަނަ މާއްދާ އާއި ހަވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އިން އެއްބާރު އަނެއް ބާރުގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް މަސައްކަތުގެ ދާއިރާ ކަނޑައެޅި އިންވަކި ކުރެވިފައިވާ ނިޒާމެއްކަން ކަށަވަރުކޮށްދީފައިވާކަން އެނގެން އޮތް އިރު ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރަކަށް ގާނޫނު އަސާސީއާ ހިލާފަށް ދާއިރާ ފަހަނަޅައި ދިއުމާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވާކަން ގާނޫނު އަސާސީގެ އަށްނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަ ކަމަށެވެ.
ޝަރީއަތުން މައްސަލެއް ނިންމުމުގެ ކުރިން އަސަރު ފޯރާފަދަ އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ