ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ދާން ނިންމުމުން ސަރުކާރުން މަރުހަބާ ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރަން ނިންމުމުން ސަރުކާރުން އެ ކަމަށް މަރުހަބާ ކިޔައިފި އެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް ދަށު ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ނުކޮށް، ސިޔާސީ ހައްލެއް ހޯދަން ބޭނުންވާ ކަމަށް ނަޝީދުގެ ފަރާތުން ކުރިން ބުންޏަސް އެ މަނިކުފާނު މިހާރު ނިންމަވާފައިވަނީ އަމިއްލަފުޅަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރެއްވުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނަޝީދުގެ ވަކީލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަޝީދުގެ ނިންމެވުމަށް މަރުހަބާ ކިޔައި، ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ ޝަރީއަތް ދަށު ކޯޓުގައި ހިނގި ގޮތާ މެދު އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަންޖެހޭނީ އިސްތިއުނާފީ ކޯޓަކުން ކަމަށާއި އެ ގޮތަށް ކުރިން ވެސް ސަރުކާރުން ބުނެފައިވާނެ ކަމަށެވެ. އަދި ނަޝީދު ދޫކޮށްލަންޖެހޭނެ ކަމަށް އދ.ގެ ވޯކިން ގްރޫޕުން ނިންމާފައިވާ ނިންމުމާ މެދު ގޮތެއް ނިންމަންޖެހޭނީ ވެސް ސުޕްރީމް ކޯޓުން ކަމަށް އެ ބަޔާނުގައިވެ އެވެ. "ސުޕްރީމް ކޯޓު ވެސް ހިމެނޭ ގޮތުން އިސްތިއުނާފީ ކޯޓުތަކަކީ ނަޝީދުގެ ޝަރީއަތާއި އެ މަނިކުފާނަށް އިއްވާފައިވާ ހުކުމާ ބެހޭ ގޮތުން އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މަރުހަލާ،" އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން ޝަރުއީ ނިޒާމަކީ މިނިވަންކަމާ އެކު ހިނގާ ތަނެއް ކަމަށާއި އެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ. ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ނުކުރަން ނިންމައި، ސިޔާސީ ހައްލެއް ހޯދަން ބޭނުންވާ ކަމަށް ނަޝީދުގެ ފަރާތުން ބުންޏަސް އެކަމަށް ސަރުކާރުން ދެކޮޅު ހެދި އެވެ. ނަޝީދަށް މައާފް ދޭން އެދުނަސް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރެއްވީ އިސްތިއުނާފް މަރުހަލާތައް ފުރިހަމަ ކުރުމަށެވެ. ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމައިފަ އެވެ. އެހެންވެ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަޝީދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ ދައުލަތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވެސް ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ