މިރޭ ބާއްވާ ޖަލްސާގައި ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ: ގައުމީ އިއްތިހާދު

ގައުމީ އިއްތިހާދުން ހިރިޔާ ސުކޫލުގައި މިރޭ ބާއްވާ ޖަލްސާގައި ވަރަށް ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވީ މިރޭ ހިރިޔާ ސުކޫލުގައި ބާއްވާ ޖަލްސާގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަތުމުގެ އިތުރުން ވެސް ވަރަށް ހާއްސަ އިތުރު ކަންތައްތަކެއް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ވަހީދު ނިންމެވުމައި ގުޅިގެން އެޕާޓީންދަނީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް ކެމްޕޭން ކުރަމުންނެވެ. ނަމަވެސް ރައީސް ވަހީދުގެ ކެމްޕޭން އަދި ރަސްމީކޮށް ފަށާފައެއް ނުވެއެވެ. މީގެ އިތުރުން އެޕާޓީންވަނީ ރައީސް ވަހީދު ނުކުމެވަޑައިގަންނަވާނީ ބޮޑު ކޯލިޝަނަކާއެކު ކަން ވެސް އިއުލާނުކޮށްފައެވެ. ޕާޓީތަކާއި އެކު މަޝްވަރާ ކުރަމުން ދިޔަނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ރައީސް ވަހީދުގެ ޕާޓީން ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުންދާ އިރު އަދާލަތު ޕާޓީއާއި އެހެނިހެން ބައެއް ޕާޓީތަކުން ވެސްދަނީ ކޯލިޝަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ