ރައީސް މައުމޫން ރިޔާސީ ރޭހުގައި ވާދަނުކުރައްވާނެކަމުގެ އިޝާރާތެއް ފާރިޝް ދެއްވައިފި

ޕީޕީއެމްގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ފާރިޝް މައުމޫން ދެއްވައިފިއެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ކައުންސިލަށް އެންމެ ގިނަ ވޯޓާއިއެކު އިންތިހާބުވެވަޑައިގެންނެވި ފާރިޝް މައުމޫނު މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ޕީޕިއެމްގެ މެންބަރުން އޭނާއާއި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
އެހެންކަމުން ޕީޕީއެމް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕާޓީއަކަށް ޕީޕީއެމް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފާރިޝް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެންމެ ގިނަ ވޯޓް ލިބުނަސް އަޅުގަނޑު ދެކެނީ ކައުންސިލްގައި ހިމެނޭ ހުރިހާ ބޭފުޅުންނަކީވެސް އެއްވަރެއްގެ ބައެއް ކަމަށް. ހުރިހާ ފަރާތްތަކާއި ގުޅިގެން ޕާޓީ ވަރުގަދަ ކުރާނަން" ފާރިޝް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާއަށްފަހު ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމުން އެއިންތިހާބުގައި ރައީސް މައުމޫން ވާދަނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިދާނެތޯ ވީނިއުސްއިން ދެންނެވުމުން ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ފާރިޝް މައުމޫން ވިދާޅުވީ ސިޔާސީ މަސްރަހު ރޭވިގެންދާ ގޮތުންނާއި ޕީޕީއެމް މިހާރު ބައްޓަންވަމުންދާ ގޮތުން ކަންތައްތަކެއް ލަފާ ކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑެއް ނޫން ތިކަހަލަ ވާހައެއް ދަންނަވާނީ ދެއްތޯ؟ އެމަނިކުފާނު ނިންމެވި ވަގުތެއްގައި އެމަނިކުފާނު ހައްދަވާ ގޮތެއް ވިދާޅުވާނެ. ދެން އެކަމަކު އަޅުގަނޑަށް ހީވަނީ ހަމަ ސިޔާސީ މަސްރަހާއި މެދު ވިސްނަވާ ބޭބޭފުޅުންނަށް މިހާރު ލަފާކުރެއްވޭނެހެން އަޅުގަނޑުމެން ޕީޕީއެމުން މަސައްކަތް ކުރާ ގޮތާއި އަދި އަޅުގަނޑުމެންގެ ތެރޭގައި ތައްޔާރުވާންޖެހޭ ތައްޔާރީތައް ހުރިގޮތަށް އަދި ޤައުމުގެ ހުރިހާ ހިސާބު ތަކުން ކަންކޮޅުތަކުން އަޑުއަޑު އަންނަ ގޮތަށް އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ ހަމަ ޔަޤީނުންވެސް ވަރަށް ޑިމޮކްރެޓިކް އުސޫލެއްގެ މަތިން" ފާރޝް ވިދާޅުވިއެވެ.
ޕީޕީއެމްގެ ކައުންސިލަށް 419 ވޯޓާއިއެކު އިންތިހާބުވެވަޑައިގެންނެވި ފާރިޝް ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާ، ރިޔާސީ އިންތިހާބުގެ އިންތިޒާމުތައް ރޭވެމުންދާގޮތް އޭރުން އެގިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވާދަނުކުރައްވާނެ ކަމަށް މިހާތަނަށްވެސް އެމަނިކުފާނު އަދި ވިދާޅުވެފައިނުވާއިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް ދެ ބޭފުޅަކު މިހާރު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ ޕީޕީއެމްގެ އިންތިޤާލީ ނައިބު ރައީސް އުމަރު ނަސީރާއި، ޕީޕިއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމިނުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ