ރިޔާސީ އިންތިހާބުގައި ޤައުމީ ޕާޓީން ރައީސް ވަހީދަށް ތާއީދު ކުރަން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ޤައުމީ ޕާޓީން ވަކި ކެންޑިޑޭޓަކު ނުނެރެން ނިންމާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތާޢީދު ކުރުމަށް ޤައުމީ ޕާޓީން ނިންމައިފި އެވެ.
ރޭ ޤައުމީ ޕާޓީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ނިންމާފައިވާ ނިންމުންތަކާއި ގުޅޭގޮތުން ވީ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގައުމީ ޕާޓީގެ ލީޑަރު އަދި ރައީސް ވަހީދުގެ ސުޕެޝަލް އެޑްވައިޒާ ޑރ. ހަސަން ސަޢީދު ވިދާޅުވީ ރައީސް ވަހީދާއެކު ކޯލިޝަން ހަދަން ނިންމީ ވީހާވެސް ބޮޑު ކޯލިޝަނެއް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.
ރޭ ބޭއްވުނު ކައުންސިލް ބައްދަލްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކޯލިޝަންހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާ ކުރިން ކުރެވުނު ހިތި ތަޖުރިބާތައް އަލުން އިއާދަ ނުވާނެ ގޮތަކަށް ކޯލިޝަން ހެދުމަށް ހުށައެޅި މަޝްވަރާކުރެވުނު ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
ނިމިގެންދިޔަ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޤައުމީ ޕާޓީގެ ލީޑަރު ހަސަން، ވާދަކުރައްވާފައިވީ ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނުނެރެން ނިންމާފައިވަނީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.
ހަސަން ވިދާޅުވީ ޤައުމުގެ ހާލަތު މިހާރު އޮތްގޮތުން ވީހާވެސް ބޮޑު ކޯލިޝަނެއް ހެދުމަށް ސަރުކާރުގެ އިއްތިހާދުން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ރައީސް ނަޝީދާއެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ޝަރުތެއްނެތި ޤައުމީ ޕާޓީން ކޯލިޝަން ހަދާފައިވާއިރު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވަހީދަށް ތާޢީދުކުރުމަށް ރޭ ނިންމީ ކައުންސިލްގެ ފުރިހަމަ އަޤްލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ