އޭ ލެވެލްގައި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސްގެ މެޑެލް ދެނީ

އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނުގައި ރާއްޖޭގެ ތައުލީމާ ބެހޭ ގަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ތަޢުލީމީ ދާއިރާގައި މިދިއަ އަހަރު ކުރި މަސައްކަތުން އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ލިބުނީ މިދިޔަ އަހަރު ކަމަށެވެ.
"މުޅި ދުނިޔެއިން އެއް ވަނަ އަށް ހޮވާލެވޭ ދަރިވަރުންގެ ޢަދަދު އަންނަނީ އިތުރުވަމުން. ސަރުކާރުގެ އަމާޒަކީ މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށްދިނުން. މިގޮތުން، އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ދޭން ގަސްދު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތުތައް ފުޅާކުރަން ކުރާ މަސައްކަތްތަކުގެ ދަށުން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި މިއަހަރު އޭ ލެވެލް ކްލާސްތައް އަލަށް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން ކޮންމެ ކުއްޖަކަށްވެސް ތަޢުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެގޮތް ހަމަޖައި ދިނުން ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތު ފުޅާކުރުމާއި، ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމަށް މިއަހަރު އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ