ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީގެ އިސްވެރިއަކު މަރަން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ޑާކާ (ޖުލައި 29) - ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ (ބީއެންޕީ) ގެ އިސް ލީޑަރަކު މަރަން ކޮށްފައިވާ ހުކުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. ޕާކިސްތާނު އަތުން މިނިވަންވުމަށް 1971 ގައި ކުރި ހަނގުރާމާގައި ހަނގުރާމައިގެ ޖަރީމާ ހިންގިކަން ސާބިތުވެ، މަރުގެ ހުކުމް އައި ސަލާހުއްދީން ގައުދަރު ޗައުދަރީއަކީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބީއެންޕީގެ އިސްވެރިންގެ ތެރެއިން މަރުގެ ހުކުމް އައި އެންމެ އިސް މީހާ އެވެ. އުމުރުން 66 އަހަރުގެ ޗައުދަރީގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ 2013 ގައި މަރަން ހުކުމްކުރީ ހަނގުރާމައިގެ ކުށްތައް ބެލުމަށް އުފައްދާފައިވާ ޓްރައިބިއުނަލުންނެވެ. އެ މައްސަލަ ޗައުދަރީގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ނިންމީ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަސް އެ ނިންމުން އަލުން ރިވިއު ކުރަން ހުށަހަޅާނެ ކަމަށް ޗައުދަރީގެ ވަކީލުން ވަނީ ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އެ ގައުމުގައި ހިނގާފާނެ ހަމަނުޖެހުމަށް ތައްޔާރުވުމުގެ ގޮތުން މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. ޕާކިސްތާން އަތުން މިނިވަންވާން ކުރި ހަނގުރާމައިގައި މީހުން މެރުމާއި އަނިޔާ ކުރުމާއި ރޭޕް ކުރުމުގެ ކުށް ސާބިތުވެގެން، އެ ގައުމުގެ އިސްލާމީ ޕާޓީގެ އިސް ލީޑަރާއި އެހެން ބައެއް އިސްވެރިން ވެސް މަރަން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އިސްތިއުނާފް މަރުހަލާ ނިމުމުން އެ މީހުންގެ މަރުގެ އަދަބު ވަނީ ތަންފީޒުކޮށްފަ އެވެ. އެ ހަނގުރާމާގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ލަފާ ކުރެއެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ