އިއްތިހާދު ހަދައިގެން ނިކުމެ ކުރަން އުޅޭ ކަމަކީ މަގާމުތަކާއި ވަސީލަތްތައް އެކި ފަރާތްތަކަށް ބެހުން: ނަޝީދު

ބޮޑުވެގެންވާ އިއްތިހާދު ހަދައިގެން ނިކުތަސް، ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެ ކަމަށާއި އިއްތިހާދު ހަދައިގެން ކަމަށް ބުނެ ނިކުމެ ކުރަން އުޅޭ ކަމަކީ މަގާމުތައް ބަހައި، ރާއްޖޭގައި ހުރި ވަސީލަތްތައް އެކިއެކި ފަރާތްތަކަށް ބެހުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ހިތަދޫގައި ބޭއްވި "އެމްޑީޕީ އެއްބުރުން" ޖަލްސާގައި ނަޝީދު ވިދާޅުވީ މަގާމުތައް ބަހައި، ރާއްޖޭގެ ވަސީލަތްތައް އެކި ފަރާތްތަކަށް ބަހަން ރައްޔިތުން ގަބޫލު ނުވާނެ ކަމަށެވެ. ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އެ މަނިކުފާނުގެ ވެރިކަމުގައި ނައިބް ރައީސަކަށް ހުންނެވި މީހާ ބަޣާވާތްކޮށްގެން ދީނާ ވެސް ހިލާފަށް ގެންނެވި ބަޣާވާތުގެ ވެރިކަމެއް ކަމަށެވެ. އަދި މިހާރު މި އޮތް ވެރިކަމަކީ ރައްޔިތުންގެ އުންމީދުތައް ނަގާލި އަނިޔާވެރި ވެރިކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނިކުމެ ތިބި މީހުންނަކީ ރާއްޖޭގެ އިންތިހާބީ ރައީސް މަރާލަން ނިކުމެ ބަޣާވާތްކޮށް، އުރެދިފައި ތިބި ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ މިހާރު އޮތް ސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ކަނޑާލުމުގެ މަސައްކަތް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ފަދަ ގައުމުތަކާ ދެކޮޅުވެރިވެ ޒުވާބުކޮށް ހަދަން ފެށުމުން އިންޑިއާ އަށް އެކި ކަންކަމުގައި ދާ ދިވެހިންނަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހި، ހިލަ އާއި ހިލަވެލި ފަދަ އިމްޕޯޓް ކުރާ ބާވަތްތައް އިންޑިއާ އިން ލިބުމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ވެރިކަމަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ހަރާންވެރި ކަމެއް ކަމަށެވެ. އެހެންވެ އެ ވެރިކަން ދާދި އަވަހަށް އެއްބުރުން އެމްޑީޕީން ނިމުމަކަށް ގެނެސް ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ