އެއްވެސް މީހަކު މަރުވެފައިވާކަން ކަނޑައަޅާފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި: އީސީ

މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ފުރަތަމަ ލީ ވޯޓު ބާތިލުކުރި އިރު ސުޕްރީމް ކޯޓުން ރިއާޔަތްކުރި ފޮރެންސިކް ރިޕޯޓުގައި މަރުވެފައިވާ ކަމަށް ބުނާ ބައެއް މީހުން ތިބި ނަމަވެސް އެއްވެސް މީހަކު މަރުވިކަން ކަނޑައަޅާފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްދެއްވުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރު މުހައްމަދު ފާރޫގު ވިދާޅުވީ ސުޕްރީމް ކޯޓުން ދިން ފޮރެންސިކް ރިޕޯޓުގައި މަރުވެފައި ކަމަށް ފާހަގަކޮށްފައިވާ ގިނަ ބަޔަކު ދިރިތިބިކަން ފާހަގަކުރެވުމުން ވޯޓާސް ލިސްޓްގައި އެ މީހުން ހިމެނުމުގެ ހުއްދައަކަށް ސުޕްރީމް ކޯޓުގައި އެދުނު ކަމަށެވެ. "ޖަވާބުގައި ވިދާޅުވެފައި އޮތީ ތިމަންމެން އެއްވެސް މީހަކު މަރުވި ކަމަކަށް ކަނޑައެއް ނާޅަމޭ. ފޮރެންސިކް ރިޕޯޓެއްގެ މައްޗަށް ބަލައިގެންނޭ ތިމަންނަމެން ހުކުމް ކުރީ. ދެން އެ ވިދާޅުވި އެއްޗެއްގެ މާނައަކީ އަޅުގަނޑަށް ހީވަނީ ތިމަންނަމެން އެ ހުކުމް ބޭސްކޮށްފައި އެ އޮތީ ފޮރެންސިކް ރިޕޯޓޭ، ފޮރެންސިކް ރިޕޯޓޭ ތި ގޯސްކޮށް ހަދާފައި އޮތީ، އެއީކަންނޭނގެ އެ ވިދާޅުވި އެއްޗަކީ،" ފާރޫގު ވިދާޅުވި އެވެ. މަޖިލީހުގެ އެމްޑީޕީގެ މެންބަރުން އެކަނި ވަޑައިގަތް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފާރޫގު ވިދާޅުވީ ފޮރެންސިކް ރިޕޯޓުގައި ބޮޑެތި މައްސަލަތައް ހުރުމުން އެ މައްސަލަ ބަލައިދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ކަމަށާއި ނަމަވެސް އެއީ ޝަރީއަތަކުން ނިންމާފައިވާ ކަމަކަށްވާތީ ހުކުމަށް އަސަރެއް ކޮށްފާނެތީ ފިޔަވަޅު ނާޅާނެ ކަމަށް އަންގާފައިވާ ކަމަށެވެ. ކޮމިޝަންގެ މެންބަރުން ވިދާޅުވީ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ވާތީ އެ މައްސަލަތައް ހުށަހަޅާނެ އިތުރު ތަނެއް އެ ކޮމިޝަނަށް ނުފެނުނު ކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރު ހާމިދު އަބްދުލްގަފޫރު ވިދާޅުވީ އެ ކޮމިޓީ އަށް އެކަން ބެލޭނެ ކަމަށެވެ. އަދި އެ ރިޕޯޓްތަކާއި މައުލޫމާތުތައް ކޮމިޓީ އަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. ފޮރެންސިކް ރިޕޯޓުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން އިންތިހާބުތައް ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ވެސް ކޮމިޝަންގެ މެންބަރުން ފާހަގަކުރެއްވި އެވެ. އަދި އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އެޓާނީ ޖެނެރަލް އަށް ސިޓީއަކުން ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ