ނާޒިމްގެ މަކަރާއި ހީލަތުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތައް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި އެވެ. ނަމަވެސް އެ ހަތަރު މައްސަލައިގައި ވެސް ކްރިމިނަލް ކޯޓުން ނިންމީ ނާޒިމް ކުރެއްވި ކަންތައްތަކަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެ ހުކުމްތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުންތަކަަށް ތާއީދުކޮށްފަ އެވެ. ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި، އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފް ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އޭގެ ތެރޭގައި ނާޒިމްގެ މައްސަލަތައް ވެސް ހިމެނެ އެވެ. އަދި އެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގަނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ނާޒިމްގެ މައްސަލަތައް ވެސް ހިމެނޭ ގޮތަށް ބައެއް މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިހާރުގެ ޕީޖީ މުހުތާޒް މުހުސިން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ ޖުލައި ނުވަތަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ހައި ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 90 ދުވަހުގެ މުއްދަތު ލިބެ އެވެ. ނާޒިމްގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކަށް ހައި ކޯޓުން ތާއީދުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 13 ގަ އެވެ. އެހެންކަމުން، އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ފަހަނައަޅާދިޔަ ފަހުންނެވެ. އެހެން ނަމަވެސް، މަގުބޫލު އުޒުރެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ވެސް ބަލައިގަތުމުގެ ބާރު ހައި ކޯޓަށާއި ސުޕްރީމް ކޯޓަަށް ވެސް ލިބެ އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރީ ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާންކުރުމުން އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. އަދި ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް އުފުލި އެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ބުނެ ދައުވާކުރި އެވެ. މި މައްސަލަތަކުގެ އިތުރުން، ނާޒިމްގެ އެހެން މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. އެ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު 22 ގައި އަމުރުކުރި އެވެ. އެ އަމުރާ އެއްގޮތަށް، އޭރު ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ