ޕީޕީއެމް ތެރޭގައި މައްސަލަ އުފެދިގެން އުޅެނީ ރައްޔިތުން ތަފާތުކުރުމުން: އަމީން

ޕީޕީއެމް ތެރޭގައި އުފެދިގެން އުޅޭ މައްސަލަތަކަކީ ބައެއް ޕާޓީތަކާއި ރައްޔިތުންނާއެކު ވެފައިވާ އެއްބަސްވުންތަކާއި ހިލާފަށް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވަމުން ގެންދަވާތީ އުފެދިގެން އުޅޭ މައްސަލަތަކެއް ކަމަށް ކުރީގެ ވަޒީރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަމީން މިހެން ވިދާޅުވީ ވީމީޑިއާގެ ވީއެފްއެމް މެދުވެރިކޮށް ޖުމްހޫރީ ޕާޓީން ރޭ ގެނެސްދިން "ޖޭޕީން ރައްޔިތުންނާ ގާތަށް" މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ފޯން މެދުވެރިކޮށް އަމީން މިޕްރޮގްރާމްގައި ވާހަކަދެއްކެވިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އަމީން ވިދާޅުވިގޮތުގައި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނަށް ވޯޓު ދިން މީހުންނާއި ނުދޭ މީހުން ތަފާތުކޮށްގެން ނުވާނެ ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންނާ މެދުވެސް އަމަލުކުރަންވާނީ ހަމަހަމަ އުސޫލަކުން އިންސާފުވެރިކޮށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެގޮތަށް އަމަލުކުރައްވަމުން ނުގެންދަވާކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި މައްސަލަތައް އުފެދި ޕީޕީއެމް ދެބައިވާން ޖެހުނީ ވެސް ރައްޔިތުން ތަފާތުކޮށް ވައުދުވެވަޑައިގެންނެވި ކަންކަމާއި ދިމާ އިދިކޮޅަށް ކަންކަން ކުރައްވާތީ ކަމަށް އަމީން ވަނީ ވިދާލުވެފައެވެ.
މީގެ އިތުރުން ސަރުކާރުން، ރައްޔިތުންގެ މުދަލާއި ފައިސާ ރައްޔިތުން ބޭނުންވާ ގޮތަށް ހޭދަ ކުރަން ޖެހޭނެ ކަމަށާއި މިއަދުގެ ސަރުކާރުންވެސް އެގޮތަށް އަމަލުކުރާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް އަމީން ވިދާޅުވެފައިވެއެވެ.
އަދި މިއަދު ފެންނަމުންދަނީ ކޮރަޕްޝަނާއި އިންސާފުވެރިކަން ނެތިދިއުން ކަމަށް އަމީން ވަނީ ފާހަގަކުރައްވާފައެވެ.
ޕީޕީއެމް ދެ ބަޔަކަށް ވަކިވެގެން ދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް އައި ހިތި ދުވަހެއް ކަމަށާއި އަދި ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލަތައް ވިހާވެސް އަވަހަކަށް ހައްލުކުރުމަށް އަމީން ވަނީ ގޮވާލާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަބަދުވެސް ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ރައްޔިތުންނާއެކު އޮންނާނެ ކަަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ