ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ދެ ހުކުމެއް އަދީބުގެ ފަރާތުން ހައިކޯޓޫގައި އިލްތިމާސް ކުރުމުން ހައިކޯޓުން އެ ދެ މައްސަލަ ބަލައިގެންފިއެވެ.
އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ ހައިކޯޓުގައި އާދީއްތަ ދުވަހު ބަލައިގެންފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27 ގައި ރިޔާސީ ލޯންޗްކޮޅުގައި ބޮންގޮއްވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމާއި ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބު އަށް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅު، "ފިނިފެންމާގައި" ތިއްބަވަނިކޮށް އޭގައި އައިއީޑީއެއް ގޮއްވާލި ކަމަށް ބުނާ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ލޯންޗްކޮޅުގައި ބޮން ގޮއްވި މައްސަލާގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވެފައި ވަނީ އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބޮޑަށް ބުރަވެފައިވަނީ އަދީބުގެ އެދުމަށް އައީޑީއެއް ހަދާދީފައިވާނެ ކަމަށް ބުނެ ޝަރީއަތުގައި ސިއްރުން ހެކިބަސްދިން މީހާ ދިން ހެކިބަހުގެ މައްޗަށެވެ.
މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެކުންފުނިން ދައުލަތަށް ދިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި އަދީބުގެ މައްޗަށް ކޮށްފައިވަނީ އެ ޚިޔާނާތުގެ ބައިވެރިވިކަމުގެ ދައުވާ އެވެ.
މާބިންހުރާ ދޫކޮށްގެން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި އޭގެ ތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ހިއްސާ ކުރިން އޮތް ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި ކަމަށް ވެސް ބުނެފައި ވެއެވެ.
ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލައާއި މާބިންހުރާ ޚިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވެއެވެ. ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބު މިހާރު ތަންފީޒް ކުރައްވަމުން ގެންދަވާއިރު، ސްނައިޕަަކު ގެނެސްގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމަށް ބުނެ ގަސްދުގައި މީހަކު މަރާލަން ރޭވުމާއި ބައިވެރިވުމުގެ ދައުވާ އިއްވާ އަދީބުގެ މައްޗަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އަދި ބ. ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލާގައި ޓެރަރިޒަމުގެ ދައުވާ އުފުލައި ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ކޮށްފައިވާ ދެ ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ