މާލެ - ހުޅުމާލޭގެ ކަރަންޓު ވިޔުގައިގެ ބޮޑު މަޝްރޫއުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ގާއިމް ކުރެވޭ ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭ ސިނާއީ ސަރަހައްދުގައެވެ.
50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ މި މަޝްރޫއަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢު ފުރިހަމަވުމުން މާލެ، ހުޅުލެ، އަދި ހުޅުމާލެ ސަރަހައްދަށް މި ޕަވަރ ޕްލާންޓްގެ އެހީގައި ކަރަންޓް ފޯރުކޮށްދެވޭނެ ކަމުގައި ސަރުކާރުން ބުނެއެެވެ.
މިރަސްމިއްޔާތުގައި މިޕްރޮޖެކްޓްގެ ތައާރަފެއް ދެއްވަމުން ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން ގުރޫޕުން ބުނީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މިމަޝްރޫއު ނިންމާލައި، މިޕަވަރޕްލާންޓުން ކަރަންޓް ފޯރުކޮށް ދެވޭނެ ކަމުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގައި މިވަގުތު ހުރީ 107 މެގޮވޯޓުގެ ކަރަންޓް އުފެއްދޭ ކެޕޭސިޓީ ކަމަށާއި މިއަދު މިއފްތިތާހް ކުރެވުނު ޕްރޮޖެކްޓާއި އެކު ކެޕޭސިޓީ ބޮޑުވެގެން ދާނެކަމަށެވެ.
އަދި މާލެ ހުޅުލެ ބުރިޖު މެދުވެރިކޮށް، މިދެ ޕަވާ ސްޓޭޝަންވެސް ގުޅާލެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށްވެސް މަގުފަހިވާނެ ކަމުގައި މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަމުން ސްޓެލްކޯގެ ޗެއާމަން އަބުދުއްޝަކޫރު ސާލިހް ވިދާޅުވީ، މިއަދު ފެށުނު ޕްރޮޖެކްޓަކީ، ސްޓެލްކޯގެ ތާރީހުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައެވެ.
އަދި މިމަޝްރޫގެ ސަބަބުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުޅާވެ ވަރުގަދަވެގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ. ޝުކޫރު ވިދާޅުވީ 104 މިލިއަން ޑޮލަރުގެ މިޕްރޮޖެކްޓަކީ ލޯން އެހީގައި ހިންގޭ ޕްރޮޖެކްޓެއް ކަމުގައެވެ.
މިރަސްމިއްޔާތުގައި ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ވަނީ ޗައިނާގެ ސަޤާފީ ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ.
މިފިލާ ރައީސްޔާމީނަށް ވެދުން ކުރެއްވީ، ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން ގުރޫޕްގެ ރައީސް ޖަންގޝައުލްއެވެ.
މިރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވާންގ ފުކާންގއާއި، ދައުލަތުގެ ބައެެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ