މޫސުމަށް އަންނަ ބަދަލުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް: ޝާހިދު

މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކާ އޮތީ ރާއްޖެއަށް ކަމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް މިހާރު ވުރެ ބޮޑަށް ކުރަން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ދެއްވި ތަގުރީރުގައި މިނިސްޓަރު ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 2050 ވަނަ އަހަރުގެ ނިޔަލަށް ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ވިހި މިލިއަނެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހޭނެ ކަމަށައި އެކަމުގެ އެންމެ ބޮޑު ނުރައްކާ އޮތީ ރާއްޖެއަށް ކަމަށް ވިދާޅުވެފަ އެވެ.
ތިމާވެށީގެ މައްސަލަތަކުން ސަލާމަތްވުމަށް ނުރައްކާ އޮތް ގައުމުތަކުން ވަކާލާތު ކުރަން ޖެހުން ނަމަވެސް އެކަމަށް ހައްލެއް ލިބޭނީ ބޮޑެތި ގައުމުތަކުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި އެހެންކަމުން ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލުން އުޅޭ އުޅުން ކުށްވެރި ކުރާ ކަމަށެވެ. އަދި އަބަދުވެސް ރާއްޖެ ދެމި އޮންނާނީ ފަލަސްތީނާއި އިސްރާއީލަކީ ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުތިއަށް ދިޔަ ނާމް ސަމިޓުގައި 120 ގައުމަކުން ބައިވެރިވިއެވެ.
ނާމް ސަމިޓުގެ ތެރެއިން މިނިސްޓަރު ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ