ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް ފަރީދާ

ނޭޝަނަލް ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް އާއިޝަތު ފަރީދާ، ދަފުތަރު ނަންބަރު 6466 އައްޔަން ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ބުނީ، ނޭޝަނަލް ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް އާއިޝަތު ފަރީދާ ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ފަރީދާގެ އިތުރުން މިހާރު އެ ކޮމިޝަންގައި ދެން ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކޮމިޝަންގެ ދެން ތިއްބެވި މެންބަރުން ކަމުގައިވާ މަރިޔަމް ނިޔާފް މުހައްމަދާއި، އަފާފް އިބްރާހީމް އާއި އަލީދީދީ އާއި ފާތުމަތު ޝާނާ ފާރޫގެވެ.
ނޭޝަނަޕް ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމަށް ޤާނޫނުއަސާސީން ވަކި ފަރާތްތަކަކަށް ހަވާލުކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރުގެ ދަށުން އެފަރާތްތަކުން ރިއާޔަތްކުރުން ލާޒިމު މިންގަނޑުތަކެއް، ހަރުދަނާ ގޮތެއްގައި ކަނޑައަޅަމުން، މުރާޖައާކުރަމުން، އިސްލާޙުކުރަމުން ގެންދިއުމުގެ މަސައްކަތްކުރާ މުއައްސަސާއެކެވެ.
އެކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ޒަރީއާއިން އެކި ފަރާތްތަކަށް ލިބިދީފައިވާ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރުމަށް ގާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ