އޭދަފުށިން މިއަދު ކަރަންޓް ކެނޑުނީ ބޮޑުއިންޖީނަށް ދިމާވި މައްސަލައަކުން

އޭދަފުށިން މިއަދު އިރުއިރުކޮޅާ ކަރަންޓް ކެނޑެން މެދުވެރިވީ އިންޖީނުގޭގައި ބޭނުންކުރާ އެންމެބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށް އޭދަފުށި އިންޖީނުގެއިން ބުނެފިއެވެ.
އޭދަފުށީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ މެންދުރު 11:40 އެހާކަންހާއިރު ކަރަންޓް ކެނޑުނީ އެއިންޖީނުގޭގައި ބޭނުންކުރާ 800ކވ އިންޖީނުގެ ޓެންޕަރޭޗަރ ކުއްލިއަކަށް މަތިވެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކުންކަމަށެވެ. މިކަމާގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުން ބައިގަޑިއިރުން ކަރަންޓް ކަނޑަމުންދިޔަކަމަށާ، އެހެން ހަދަންޖެހުނީ ދެންހުރި އިންޖީނުތަކަށް ލޯޑް ބޮޑުކަމުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލަ ދިމާވުމާގުޅިގެން ޓެކްނިކަލް ޓީމު އެމަޖެންސީކޮށް ކުރި މަސައްކަތުން މައްސަލަ ހައްލުކުރެވި މުޅިރަށަށް ކަރަންޓް ދެވުނީ ހަވީރު 4ޖެހިފަހުން ކަމަށްވެސް އޭދަފުށީ އިންޖީނުގެއިން ބުންޏެވެ.
އޭދަފުށިން މިއަދު ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވީއިރު މިސަރުކާރުން އޭދަފުއްޓަށް ގެނައި 1 މެގަވޮޓް އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް މިދިޔަމަހުގެ ފަހުކޮޅުން ފެށިގެން މެދުނުކެނޑި ކުރިޔަށްއެބަދެއެވެ. އޮފިޝަލް ވިދާޅުވީ އެއްމެގަވޮޓުން މިހަފްތާ ފަހުކޮޅު ނުވަތަ ފެށޭހަފްތާ ކަރަންޓް ދޭން ފެށޭނެއެވެ.
އިންސްޓޯލް ކުރަމުން އަންނަ 1 މެގަވޮޓް އިންޖީނުގެ އިތުރުން އޭދަފުއްޓަށް ކަރަންޓް ދިނުމަށް މިވަގުތު ބޭނުންކުރަމުން އަންނަނީ 800ކވ، 600ކ އަދި 300ކވގެ އިންޖީނުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ