ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އާއިޝާ ޝުޖޫން މުހައްމަދާއި، ޑރ. އަޒްމިރާލްދާ ޒާހިރު އެ މަގާމަށް އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ގޮތެއް ނިންމުމަށް އެޖެންޑާކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މި ދެ ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ.
މި ދެ ބޭފުޅުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ހައިކޯޓުގެ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ނަންފުޅު ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ހުރިހާ ބޭފުޅުންގެ ނަންތައް ހުށަހެޅުމުން ރިޔާސަތުން ވަނީ މިމައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. އެކަމަކު ކޮމިޓީގެ އިއްތިފާގުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ ޝުޖޫންއާއި ޑރ. އަޒްމިރާލްދާއަށް މަޖިލީހުން ރުހުން ދޭން ފާސްކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫނާއި އަޒްމިރާލްދާ އައްޔަންކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝުޖޫން އަކީ ރާއްޖޭގައި ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ. ޑރ. އަޒްމިރާލްދާ އަކީ ހައިކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ޑރ. އަޒްމިރާލްދާ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ޑރ. އަޒްމިރާލްދާއާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައިފިނަމަ މި ދެ ބޭފުޅުން ވެގެންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ފުރަތަމަ އައްޔަންކުރެވޭ އަންހެން ބޭފުޅުންނަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ޖޭއެސްސީން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ހައިކޯޓުގެ ހަތަރު ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. މިހަތަރު ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަންފުޅު ޖޭއެސްސީން ރައީސަށް ފޮނުވި ނަންފުޅުތަކުގެ ތެރޭގައި ނުހިމެނޭތީ ފަނޑިޔާރުން އަބްދުﷲ ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު 2010 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.
ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރުމަކީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމެކެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ހިނގަމުންދާއިރު މިމައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝުޖޫންއާއި އަޒްމިރާލްދާ އައްޔަންކުރުމާ މެދު މަޖިލީހުން މާދަމާ ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ