ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދޫކުރަން ފަށައިފި

ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ތިން ރަށެއްގެ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިފައި ނުވާތީ ބަދަލުގެ ގޮތުގައި ފައިސާ ދޭން ފަށައިފި އެވެ.
ނޮޅިވަރަންފަރަށް 2011 ވަނަ އަހަރުގެ ތެރޭގައި މީހުން ބަދަލުކުރީ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން އެރަށަށް ބަދަލުކޮށްފައިވަނީ ހދ. ކުނބުރުދޫ، ހދ. މާވައިދޫ އަދި ހދ. ފަރިދޫ މީހުންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާޅުވީ ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަމެއް ލިބިފައި ނުވާ އާއިލާތަކަށް ސަރުކާރުން ބަދަލުދިނުމުގެ ގޮތުން ފައިސާ ދިން މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވަނީ ޖުމްލަ 18252000 ރުފިޔާ އެވެ. މިފައިސާ ދިނުމަށް ނިންމާފައިވަނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގައި ނޮޅިވަރަންފަރު ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްދީފައިވަނީ 6084000 ރުފިޔާ އެވެ.
އަހްމަދު އިބްރާހީމް ވިދާޅުވީ ފުރަތަމަ ބުރުގެ ފައިސާ ޖަމާކޮށްދީފައިވާތީ ފައިސާ ދޭން ޖެހޭ ކޮންމެ އާއިލާއަކަށް 117000 ރުފިޔާގެ ރޭޓުން އިއްޔެއިން ފެށިގެން ފައިސާ ބަހަން ފަށާފައިވާ ކަމަށެވެ.
ފައިސާ ލިބޭނީ ގޭގެ ވެރިފަރާތުން ދެ ހެކިވެރިޔަކާ އެކު އައިޑީ ކާޑު ހިފައިގެން ކައުންސިލުން އިދާރާއަށް އައުމުން ކަމަށްވެސް އަހްމަދު އިބްރާހީމް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި ގޭގެ ނަން ރަޖިސްޓްރީކޮށްފައި އޮތީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ކަމަށްވާނަމަ ފައިސާ ދޫކުރާނީ ކަމާ ގުޅޭ މިނިސްޓްރީގެ ލަފާގެ މަތިން ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވި އެވެ.
ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށެވެ.
އަހްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދޫކުރަން ނިންމާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި ނޮޅިވަރަންފަރަށް އާއިލާތައް ބަދަލުކުރި ދުވަހުން ފެށިގެން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފައިސާ ލިބެންޖެހޭ ކަމަށް ބަލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ