މޫސުން: މި ވަގުތު އެލާޓްގައި ނެތީ ދެ އަތޮޅެއް

ދެ އަތޮޅެއް ހިމެނޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައި ވަނީ، ތ އަތޮޅާއި ލ އަތޮޅު ނޫން ހުރިހާ އަތޮޅަކަށެވެ. ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އިދާރާއިންމީގެ ކުރިން ވެސް އޮތީ ބުނެފައެވެ.
ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މެޓުން ލަފާކުރަނީ މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށާއި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭ ކަނޑުތަށް ގަދަވާނެ ކަމަށާ، ދެކުނު އަތޮޅުތަކުގެ ކަނޑުތަށް އައިދާގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ ތަފުސީލިތައް ހޯދުމަށް އެ އިދާރާއިން އެދެއެވެ.
އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ދަތުރު ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެއްވުމަށް ގުޅުވައްވާނީ މެޓް އޮފީހުގެ ނަމްބަރު 3310806 ނުވަތަ 3323471 ނޫނީ 3340907 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ