ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ރާޝިދު ކާމިޔާބުކޮށްފި

ށ އަތޮޅުގެ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ހިމެނޭ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ރައްޔިތުންގެ މަޖިލިސް ގޮނޑީގެ ބައި އިލެކްޝަން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވައިފިއެވެ.
ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި، ރާޝިދު މި ގޮނޑި ކާމިޔާބު ކުރެއްވީ ފަރަގުބޮޑު ނަތީޖާއަކުންނެވެ.
ފޯކައިދޫއަށް އުފަން ރާޝިދަކީ މިދިޔަ ތިން ދައުރުގައި އެރަށު ކައުންސިލްގެ ރައީސްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެ އަތޮޅު ކޮމަންޑޫއާއި މަރޮށީގެ އިޖުތިމާއީ ދާއިރާއާއި، ތަރައްގީގެ ގިނަ ކަންކަމަށް ހުސެއިން ރާޝިދު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވީ 3 ކެންޑިޑޭޓުންނެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެންމެފުރަތަމަ އިއުލާންކުރީ ކޮމަންޑޫ ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާއެވެ. އެފޮށިން 152 ވޯޓާއިއެކު ކުރިހޯއްދެވީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު އަށް 144 ވޯޓު ލިބިފައިވާއިރު އެމްއެންޕީ އިން ވާދަކުރި ކެންޑިޑޭޓަށް ލިބިފައިވަނީ 37 ވޯޓެވެ.
ދެވަނައަށް އިއުލާންކުރި މަރޮށި އިޖުތިމާއީ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން، މުހައްމަދު ރާޝިދަށް 161 ވޯޓް ވަނީ ލިބިފައެވެ. މޫސާ ފަތުހީ އަށް 95 ވޯޓު ލިބިފައިވާއިރު އަބްދުލްހަންނާން އިދުރީސް އަށް 41 ވޯޓު ވަނީ ލިބިފައެވެ.
ކޮމަންޑޫ ޕްރީސްކޫލްގައި ބެހެއްޓި ވޯޓުފޮށިން ރާޝިދުއަށް 159 ވޯޓު ލިބިވަޑައިގެންނެވިއިރު މޫސާ ފަތުހީ އާދަމަށް 92 ވޯޓު ލިބިފައިވެއެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ 64 ވޯޓެވެ.
ފޯކައިދޫ ސްކޫލްގައި ބެހެއްޓި އެއް ނަމްބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން ރާޝިދު އަށް 195 ވޯޓު، މޫސާ ފަތުހީ އަށް 202 ވޯޓް، އަދި އަބްދުލްހައްނާން އިދުރީސް އަށް 13 ވޯޓު ލިބިފައިވެއެވެ.
މީގެއިތުރުން ފޯކައިދޫ ސްކޫލްގައި ބެހެއްޓި ދެ ނަމްބަރު ވޯޓު ފޮށީގެ ނަތީޖާއިން ރާޝީދުއަށް 223 ވޯޓު، މޫސާ ފަތުހީ އަށް 204 ވޯޓު އަދި އަބްދުލްހައްނާން އިދުރީސް އަށް 11 ވޯޓު ލިބިފައިވެއެވެ.
ފޯކައިދޫ އާއި މަރޮށީގެ ރައްޔިތުން ވޯޓުލުމަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން މުހައްމަދު ރާޝިދުއަށް 234 ވޯޓު، މޫސާ ފަތުހީ އާދަމް އަށް 178 ވޯޓު، އަބްދުލްހަންނާން އިދްރީސް އަށް 69 ވޯޓު ލިބިފައިވެއެވެ.
ދާއިރާގެ ވޯޓުލުމަށް ހަތް ވޯޓުފޮއްޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ރާޝިދުއެވެ. ރާޝިދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަމަހު އަވަހާރަވުމުންނެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00ން ހަވީރު 04:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ