އެންއައިސީގެ މެމްބަރު ކަމަށް އަހްމަދު އަމީން އައްޔަންކުރައްވައިފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް، ސ. ފޭދޫ ކަރަންކާވިލާ އަހުމަދު އަމީން މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ. އިންޓަގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އަމީން އައްޔަން ކުރައްވައި، އެކަމުގެ ލިޔުން، އޭނާއަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސް ޔާމީނެވެ. އެ މަގާމަށް އަމީން އައްޔަން ކުރުމަށް މަޖިލީހުން އިއްޔެ ފާސްވީ 58 މެމްބަރުންގެ އިއްތިފާގުންނެވެ. އެންއައިސީ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަން މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެންއައިސީގައި މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުން ރުހުން ދެއްވި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު މުހައްމަދާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދާއި ހަސަން ހަމީދު އަދި ހަދީޖާ އަބްދުﷲ އެވެ. ނޭޝަނަލް އިންޓަގްރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގަ އެވެ. އެއީ ފުލުހުންނާއި ޑިޕާޓުމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ