ޝިދާތާގެ އިސްތިއުފާ އަށް މެމްބަރު ނިހާދު ގޮވާލައިފި

ކުރީގެ ޑިސްއޭބިލިޓީ އެމްބެސެޑާ އަހުމަދު ހިޝާންގެ މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު ހިޝާނަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު" ކަމާއި ގައުމީ އިނާމު ދިން އިރު ވެސް އޭނާއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭކަން އިއްޔެ ވަނީ ހާމަވެފައެވެ. ހިޝާންގެ މައްޗަށް މިފަހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ.
ރޭ ޓީވީ ޗެނަލެއްގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިޔާ އިން ފެނުނު މައުލޫމާތުތަކަށް ބަލާއިރު ޖެންޑާ މިނިސްޓަރު ގެއަށް ވަޑައިގަންނަވަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ވާހަކަތަކަކީ ތެދުކަމުގައިވާނަމަ ޖެންޑާ މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި އެބަވޭ، މުއައްސަސާތަކުގެ އިހުމާލު އެބައޮތް ކަމަށް. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ސީދާ މި ސަރުކާރުގެ މުއައްސަސާތަކެއްގެ ވާހަކައެއް ކަމެއް އެ ވިދާޅުވީ. އެހެން ނަމަވެސް އަޅުގަނޑު ޕާސަނަލީ ގަބޫލުކުރަނީ މިއަދު އެ ހާލަތު އަތުވެއްޖެއޭ" ނިޙާދު ވިދާޅުވިއެވެ.
ހިޝާންއަށް އޮނަރަރީ ޑިސްއޭބިލިޓީ އެމްބެސެޑަރުގެ މަގާމު ދިނުމުގެ ކަންކަން ރައީސް އޮފީހުން ކުރަމުންދިޔައިރު ޖެންޑާ މިނިސްޓްރީގައި ހުރި މައުލޫމާތު ރައީސް އޮފީހަށް ފޮނުވަންޖެހޭ ކަމަށާއި އެކަމާ މެދު އިތުރު ވިސްނުމަކަށް ރައީސް އަށް ވަޑައިގަންނަވަން އެނގިވަޑައިގަންނަވާނީ ވެސް އޭރުން ކަމަށް ނިހާދު ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް ކީއްވެގެންތޯއޭ ނުކުރީ، ނުކުރާންޖެހޭ ސަބަބު އެއީ ވިސްނާލަންޖެހޭ ކަމެއް. އެހާ ހިސާބަށް ދިޔުމުން ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ އެ މަގާމުގެ ޒިންމާ އަމިއްލަ ނުނެގިފައޭ އެވަނީ. އެހާ ހިސާބުން ދެން އެންމެ ރަނގަޅު ވާނީ ހަމަ އެ މަގާމުން އަމިއްލަ އަށް ދުރުވެ ވަޑައިގަތުން" ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވި ގޮތުގައި ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވާ ވަޒީރެއް ކަމުގައިވިޔަސް އަދި މުއައްސަސާއެއްގެ ވެރިއަކު ނަމަވެސް ގޯހެއް ހިނގާކަން ފެންމަތިވާ ހިސާބުން މަޖިލީހުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި މަޖިލީހުން ފިޔަވަޅު އަޅަން ވެސް ފަހަތަށް ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ދާދިފަހުން ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލައެއްކަން ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ