ބޮޑެތި އަނިޔާތަކެއްގައި މަރުވި ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އޭނާގެ މާމަ ޝާފިޔާ މުހައްމަދު ބުނެފިއެވެ.
އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ޝަފިޔާގެ ހެކިބަސް ނަގާފައިވާއިރު، އޭނާގެ މާމަ ބުނީ އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާކަމަށެވެ.
މަރުގެ ދިޔަ އަކީ ކޮންއެއްޗެއްކަން އެނގޭތޯ ސުވާލު ކުރުމުން އެއީ ކޮންއެއްޗެއްކަން ނޭނގޭ ކަމަށް ޝާފިޔާ ބުނެފައިވާތީ މަރުގެ ދިޔަ އޭނާއަށް ގާޒީވަނީ އޮޅިން ފިލުވައިދީފައެވެ.
މިއަދުގެ އަޑުއެހުމުގައި އިބްތިހާލުގެ ވާރިސުން އެނގޭތޯ ގާޒީ ޝާފިޔާއާއި ސުވާލު ކުރެއެވެ. ޖަވާބުގައި ޝާފިޔާ ބުނީ އިބްތިހާލުގެ ވާރިސުން ނޭނގޭ ކަމަށާއި އޭނާއަކީ ބައްޕަ ނެތް ކުއްޖެއް ކަމަށެވެ.
އިބްތިހާލުގެ ވާރިސުން ކަށަވަރު ކުރުމަށް އެ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް ގާޒީ އެދިފައިވާތީ ރަކީދޫ ތިން މީހެއްގެ ނަން ޝާފިޔާ ވަނީ ދީފައިވެއެވެ.
އާފިޔާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ. އާފިޔާގެ މައްޗަށް ކުރާ އެ ދައުވާއަށް އާފިޔާ ވަނީ ތަހުގީގާއި ބަންދު މުއްދަތު މަޖިލީހުގެ އިތުރުން ޝަރީއަތުގައި ވެސް އެއްބަސްވެފަ އެވެ. މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.
އެ މައްސަލާގައި މީގެ ކުރިން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
އެ އަޑުއެހުމުގައި ކޯޓުން ވަނީ އާފިޔާގެ ނަފްސާނީ ޓެސްޓް ހެދި ޑޮކްޓަރު ކަމަށް ޑރ. އައިޝަތު އަލީ ނާޒްގެ ހެކިބަސް ނަގައިފަ އެވެ. އޭނާ ބުނީ އާފިޔާގެ ކިބައިގައި ރުޅިވެރި ވިސްނުން ވަރަށް ބޮޑު ކަމަށާއި އޭނާ އިބްތިހާލަށް އަނިޔާކުރީ އަމިއްލަ އިޚްތިޔާރުގައި ހުރެގެން ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އިބްތިހާލް ބެއްލެވި ޑޮކްޓަރުންގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.
އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، އިބްތިހާލަށް އަނިޔާ ލިބެމުންދާކަން އެނގި ތިބެ، އެކަމުގައި އިހުމާލުވި ކަމަށް ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އިހުމާލުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އޭގެ ތެރޭގައި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.
އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އޭނާގެ މާމަ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ