ރައީސް މައުމޫން ޖަލުގައި 100 ދުވަހު ހުންނެވި ނަމަވެސް އަޒުމަށް ބަދަލެއް ނާދޭ: ޕާޓީތައް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިއްހީ ހާލުކޮޅު ހުރިގޮތުންނާއި ރަމަޟާން މަހުގެ އަޅުކަން އަދާ ކުރެއްވުމަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިކަމަށް ގޮވާލާފައި މިވަނީ ރައީސް މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނަވާތާ މިއަދަށް 100 ދުވަސް ހަމަވުމާ ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.
ގުޅިފައިފާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކަމަށް ބުނެ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި، ހެދިފައި ހުރި އެންމެހާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވަނީ އެއްވެސް އަސްލެއް ނެތް ތުުހުމަތުތަކެެއްގައި ކަމަށްވެސް މިބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ބަންދުގައި ހުންނަވާ މަރުކަޒުގައި ރައީސް މައުމޫނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާ ކަމަށއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވި ނަމަވެސް ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަންވެސް މިބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް މައުމޫން ހައްޔަރުކުރެވުނު ދުވަހުން ފެށިގެން މިހާތަނަށްވެސް އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އަސްލެއްނެތް ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށާއި ޖިނާއީ ކުށުގެ ޢަމަލެއް އެމަނިކުފާނު ހިންގަވާފައި ނުވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށްވެސް މިބަޔާނުގައިވެ އެވެ. ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވަރަށް ބޮޑު ޒާތީ ހަސަދައެއް އެމަނިކުފާނާއި ދޭތެރޭގައި ގެންގުޅޭތީ ކަމަށާއި ރައީސް މައުމޫން ބަންދުގައި ބަހައްޓާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅިވަޑައިގެން ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ގުޅިފައިވާ ޕާޓީތަކުން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައިވިޔަސް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ރައީސް މައުމޫނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ އާއިލާއާ އެކުގައި ހުންނެވުމުން ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އާއިލާއިންނާއި ވަކީލުން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ދިނުމެއް ނެތި ރަމަޟާން މަހު ވެސް ރައީސް މައުމޫން ދުވަސްތައްވެސް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމުގައިވެސް ޕާޓީތަކުން ބުނެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫން ޣައިރު ގާނޫނީ ގޮތުން ބަންދުކޮށްފައިވީ ނަމަވެސް އެމަނިކުފާނު ކުރައްވަމުންގެންދަވާ އިސްލާހީ މަސައްކަތްތައްވެސް އަދި އެމަނިކުފާނުގެ އަޒުމަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބިދޭ އެންމެހާ ހައްގުތައް ހަމަހަމަކަމާއެކު ހޯއްދަވައިދެއްވުމަށް ރައީސް މައުމޫން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތް ވަރުގަދަ ކުރައްވައި، އެމަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދެއްވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ