ދިވެހިރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހުގައި އޮތީ "ކޮލެރާ" އާއި "ސިގެއްލާ" ކަމަށް ވިދާޅުވެ 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވިދާޅުވި ބަސްތައް ތަކުރާރު ކުރައްވައި ސިޔާސީ ލީޑަރުންނަށް އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.
މިވަގުތު ސިޔާސީ ޕޯޑިއަމްތަކުން ފެންނަމުން ނުދާ އުމަރު ނަސީރު "ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ރައީސް ޔާމީނާއި ދެކޮޅަށް ނަމަވެސް އިދިކޮޅު ކޯލިޝަނާއި އެކުގައިވެސް ނޫން ކަމަށެވެ.
"އަޅުގަނޑު ސަރުކާރާ އެކުގައިވެސް، ކޯލިޝަނާ އެކުގައިވެސް ނުފެންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި (މިއީ) ކޮލެރާ އާއި ޝިގެއްލާ." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ކޮލެރާ އާއި ޝިގެއްލާއަށް ވޯޓު ނުދެއްވުމަށް އެދި ދިވެހި ރައްޔިތުންނަށް އިންޒާރު ދެއްވި ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައިވެސް ބުނާނީ އެހެން ކަމަށެވެ.
"އަޅުގަނޑު 2013 ވަނަ އަހަރު ހުރިހާ ދިވެހި ރައްޔިތުންނަށް މި އިންޒާރު ދިނިން. ކޮލެރާ އާއި ޝިގެއްލާއަށް ވޯޓު ނުދެއްޗޭ ކިޔާފައި. އަދިވެސް އަޅުގަނޑު ބުނަން އޮތީ އެވާހަކަ. 2018 ގައިވެސް އެވާހަކަ ބުނާނީ." އުމަރު ވިދާޅުވިއެވެ.
"ގިއަރު" ތަފާތު ވެދާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި، ދެ ވެރިކަމުގައިވެސް ފަނޑިޔާރުން ހައްޔަރުކޮށް ޤާނޫނު އަސާސީން ބޭރުން ކަންކުރައްވާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
"ޤާނޫނު އަސާސީއާއި ހިލާފުވެ ނަޝީދު ވިދާޅުވީ ތިމަންނަ ދާނީ ޗާޓުން ބޭރުންނޭ، ޔާމީން ޗާޓު ބަދަލު ކުރެއްވީ. ފަނޑިޔާރުން ހައްޔަރުކުރުންވެސް ހަމަ އެހެން އިނގޭތޯ! ހައްޔަރު ކުރަންވީމަ ހަމަ ހައްޔަރު ކުރަނީ. ނަޝީދުވެސް ޔާމީން ވެސް ހަމަ ހައްޔަރު ކުރީ." ސިޔާސީ ލީޑަރުންނާއި މި ވެރިކަމަށް ފާޑުވިދާޅުވަމުން އުމަރު ނަސީރު ވިދާޅުވިއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޮޑު ބައްޔަކުން ބަލިވި ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލާ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އަޑު ހަރުކޮށް މައިދާނުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އުމަރު ނަސީރު ހިމެނިވަޑައިގަތެވެ.
އުމަރު ނަސީރަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވި ސިޔާސީ ލީޑަރުވެސްމެއެވެ. ނަމަވެސް އެމަނިކުފާނުގެ އަޑު ސިޔާސީ މަޝްރަހުން ވަރަށް ބޮޑުތަނުން ފަނޑުވެފައިވާއިރު، އެމަނިކުފާނު އަރާވަޑައިގަންނަވާނެ ސިޔާސީ އޮޑިއެއް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
މިއޮތީ ސިގެއްލާ އާއި ކޮލެރާ، އެއްވެސް ބަޔަކާއި އެކު ނުފެންނާނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ