ދީނާ ޚިލާފު ކަންކަމަށް ބަސްނުބުނާތީ މެމްބަރު އަބްދުﷲ ފާޑުވިދާޅުވެއްޖެ

އީޔޫ ރިޕޯޓުގައި ދީނީ މިނިވަންކަމަށް ގޮވާލާފައިވާތީ އެކަމާ ދެކޮޅަށް ސަރުކާރުން ވާހަކަދައްކަމުންދާއިރު ގައުމުގެ އެތެރޭގައި ހިނގާ ދީނާ ޚިލާފު ކަންކަމާ ދެކޮޅަށް ސަރުކާރުން ބަސްނުބުނާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އީޔޫއިން ނެރުނު ރިޕޯޓުގައި ހިމެނޭ އެންމެ ނުކުތާއެއްގައި ހިފައިގެން ސަރުކާރުގެ އިސްބޭބޭފުޅުން ވާހަކަދައްކަވާތީ ހައިރާންވާ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެކަން ބަދަލުކުރުމަށް އިދިކޮޅު ސިޔާސީ ބޭފުޅުންވެސް މަސައްކަތް ނުކުރައްވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ހިތާމައަކީ ސައްތައިންސައްތަ މުސްލިމް މިގައުމުގައި ދީނާ ޚިލާފު އެތައް ކަމެއް ހިނގަމުންދާއިރު އެކަންކަމާ ދެކޮޅަށް ސަރުކާރުން ބަސްނުބުނުން ކަމަށެވެ.
ޚާއްސަކޮށް މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ ބޭބޭފުޅުން އެކަންކަަމާ ދެކޮޅަށް ބަސްވިދާޅުނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ކީއްވެތޯ މިބޭފުޅުންނަށް ބަސްވިދާޅުވާން ކެރިވަޑައިނުގަންނަވަނީ. ވަލިއްޔުލް އަމްރު އެކަމާ ރުހިވަޑައިނުގަންނަވާތީތޯ. ނޫނީ އެއީ އީޔޫން ބޭނުންވާ ގޮތްތޯ" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ އަހުމަދު ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން ސަރުކާރުން އުޅެނީ ސިޔާސީ މަންފާ ހާސިލްކުރުމަށް ކަމަށެވެ.
އިސްލާމްދީން ހިމާޔަތްކުރުމަށް ސަރުކާރުގެ އިޚުލާސްތެރިކަމެއް އޮތްނަމަ، ދީނާ ފުށުއަރާ ކަންކަން ސަރުކާރުގެ ބައިވެރިވުން އޮންނަ ގޮތަށް ނުހިނގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ