ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން، ކޮންމެ ކަސްޓަމަރަކަށް މީގެކުރިން ނެގެނީ ދުވާލަކު 10،000 ރުފިޔާއެވެ. ނަމަވެސް މާދަމާއިން ފެށިގެން ދުވާލަކު 25،000 ރުފިޔާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އޭޓީއެމް މެދުވެރިކޮށް މީގެ ކުރިން 25،000 ރުފިޔާ ޖަމާ ކުރެވުނު ނަމަވެސް މާދަމާއިން ފެށިގެން 50،000 ރުފިޔާ ޖަމާ ކުރެވޭނެ ކަމަށާއި އެ ބަދަލުތައް ގެނެވުނީ އަމިއްލަ ފަރުދީ އެކައުންޓްތަކަށް އެކަނި ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ވިޔަފާރި އެކައުންޓްތަކަށް މީގެ ކުރިންވެސް ހަމަޖެހިފައިވާ ހަމަޖެހިފައިވާ އަދަދަށް ޑިޕޮސިޓް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް ބުނީ އޭޓީއެމް މެދުވެރިކޮށް މީގެ ކުރިން ދުވާލަކު 640 ޑޮލަރު ނެގުނު ނަމަވެސް، މާދަމާއިން ފެށިގެން ކޮންމެ ކަސްޓަމަރަކަށްވެސް 1600 ޑޮލަރު ނެގޭނެ ކަމަށާއި 3200 ޑޮލަރު ޖަމާކުރެވޭނެ ކަމަށެވެ.
"އޭޓީއެމް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ކުރުމަށް (25000 ހާސް ރުފިޔާއިން ދަށުގެ މުއާމަލާތް) މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީ އެއް މިވަނީ ކަނޑައެޅިފައި. މި ގޮތުން ކޮންމެ މުއާމަލާތަކަށް 75 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ." ބީއެމްއެލް އިން ބުނެއެވެ. ނަމަވެސް ސެލްސް ސާވިސް ހިދުމަތް ނުލިބޭ ބްރާންޗަކުން އެ ފީ ނުނަގާނެ ކަމަށް ބޭންކުން ބުނެއެވެ.
ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ބޭނުންކުރުމަށް ބީއެމްއެލް އިން އެދެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި 24 ގަޑިއިރު ހިދުމަތް ލިބޭ އެ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް މިދިޔަ އަހަރު 10 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި އެ ހިދުމަތްތަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ހިދުމަތެއް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ރާއްޖޭގެ ގައުމީ ބޭންކު, ބީއެމްއެލް އިން މިއަދު ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނުވާނެ ފަދަ ބަދަލަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ