އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ މައްސަލަ އަނެއްކާ ވެސް ކުރިމަތިވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައްޑޫ ގެ ރަށްތަކަށް ކަރަންޓުގެ މައްސަލަ ދިމާވެފައި މިވަނީ ނަރުދަމާގެ މަސައްކަތް ކުރަނިކޮށް ކޭބަލްއަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
އައްޑޫ ސިޓީގެ ރަށްތަކުން އިރުކޮޅުކޮޅާއި ކަރަންޓު ކެނޑި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ އައްޑޫގެ ގެސްޓު ހައުސްތައް ހިމެނޭ ސަރަހައްދުތަކުން ވެސް ރޭ 4 ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ކަރަންޓު ކެނޑިފައި އޮތްކަމަށް މައުލޫމާތު ލިބެއެވެ.
ކަރަންޓު ކެނޑޭ މައްސަލައާއި ގުޅިގެން ހޮސްޕިޓަލުތަކަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވެސް ބެކަޕް ޖަނަރޭޓަރެއް ނެތްކަމަށް ހެލްތް މިނިސްޓްރީގެ ސީނިއާ ބޭފުޅަކާއި ހަވާލާދީ އައްޑޫ ލައިވްގައި ރިޕޯޓުކޮށްފައިވެއެވެ. ހޮސްޕިޓަލަށް ބެކަޕް ޖަނަރޭޓަރެއް ހޯދުމަށް ބަޖެޓުގައި ހިމެނިނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށް ހެލްތް މިނިސްޓްރީގެ އެބޭފުޅާ އައްޑޫ ލައިވް އަށް ވިދާޅުވެފައިވެއެވެ.
"ހޮސްޕިޓަލުން ބެކަޕް ޖަނަރޭޓަރެއް ހޯދުމަށް ބަޖެޓްގައި ހިމަނާ، އެކަމަކު މިނިސްޓްރީން އެބައި ކަނޑާލާ، ނޭގެ ކީއްވެގެން ކަން އެހެން ހަދަނީ، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޑޫގެ ތިން ބޭފުޅަކު ތިއްބެވި، މިހާރު އެއް ބޭފުޅަކު ވަކިވި ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު އެނގޭނެ ސްޓޭޓް މިނިސްޓަރަކު ވެސް އެބަ އިންނަވާ" ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅަކު ވިދާޅުވިކަމަށް އައްޑޫ ލައިވްގައި ރިޕޯޓު ކުރެއެވެ.
ފެނަކައިގެ ކަރަންޓު ނެޓްވޯކަށް މައްސަލަ ދިމާވުން އިތުރުވެފައިވާއިރު، އިއްޔެ އައްޑޫ މީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެެނެވުނު އިރުވެސް ހޮސްޕިޓަލުގައި ކަރަންޓު ނެތްކަމަށް މައުލޫމާތު ލިބެއެވެ. އަދި ކަރަންޓު ނެތުމުގެ ސަބަބުން އެމީހާއަށް ފަރުވާ ނުދެވި ބައި ގަޑިއެއްހާ އިރު މަޑު ކުރަން ޖެހުނު ކަމަށް ވެއެވެ.
މީގެކުރިން އައްޑޫއަށް ފެނަކައިން ކަރަންޓު ދެމުން ގޮސްފައިވަނީ އެކި ސަރަހައްދުތަކުގައި ބަހާލައިގެން ވަކިވަކި ޖަނަރޭޓަރުތަކުން ނަމަވެސް ދާދި ފަހުން އައްޑޫގައި ބެހެއްޓި ދެ މެގަ ވޯޓުގެ އިންޖީނާއެކު ޓެކްނިކަލް މައްސަލައެއް ކުރިމަތިވިޔަސް އެސިޓީ ގުޅިފައިވާ ބޮޑު ބަޔަކުން ކަރަންޓު ކެނޑެއެވެ.
އައްޑޫގެ އިންޖީނުގެތައް ހިންގަމުން ދަނީ ފެނަކައިގެ ބެލުމުގެ ދަށުންނެވެ. އެހެން ނަމަވެސް ފެނަކައިގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދޭތީ ވީއެފްޕީއަށް ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އަނެއްކާވެސް އައްޑޫސިޓީއަށް ކަރަންޓުގެ މައްސަލަ ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ