އޭޝިއާ އެޗްއާރުޑީ އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފި
އޭޝިއާ އެޗްއާރުޑީ އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފިއެވެ.އޭޝިއާ އެޗްއާރުޑީ އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަތީ މެލޭޝިއާގެ ޕުތްރަޖާއާގެ ލެމެރިޑިއަން ހޮޓެލްގައި ބޭއްވި އެވޯޑް ހަފުލާގައެވެ. ރައީސްގެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަންއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމަށް މި އެވޯޑު ލިބިވަޑައިގެންނެވީ ރާއްޖޭގެ ތަރައްޤީއާއި، ދިވެހި ރައްޔިތުންގެ ތަރައްޤީއާއި، އަދި އެޗް.އާރް.ޑީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް ކެނޑިނޭޅި ދެއްވާ ހިތްވަރާއި އެއްބާރުލެއްވުން ފާހަގަކުރުމުގެ ގޮތުނެވެ. މިފަދަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވާ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށެވެ.މި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އެމަނިކުފާނު ޤަބޫލުފުޅު ކުރެއްވީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމަށާއި، މި އެވޯޑަކީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބީއެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ފަހުގެ އަހަރުތަކުގައި ދިވެހިރާއްޖެއަށް ހާސިލުކުރެވުނު ލަނޑުދަނޑިތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ޤައުމީ ރޫހާއި ޤައުމުގެ ތަރައްޤީއަށްޓަކައި ދިވެހި ރައްޔިތުން ވެފައިވާ ޤުރުބާނީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި އެވޯޑު ވެގެންދާނީ ކުރިމަގުގައި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބިނާކުރަނިވި ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމުގައި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.އެމަނިކުފާނުގެ ވާހަކަފުޅުގައި، މުސްތަގުބަލުގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭނެ، ސުލްހަވެރި އަދި ކުރިއަރާފައިވާ ޤައުމަކަށް ވުމަށާއި، މިނިވަން، ބާރުވެރި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން، ޤައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީގައިވާ ޤައުމުކަން ފާހަގަ ކުރައްވަމުން ރައިސް ޔާމީން ވިދާޅުވީ 50 އަހަރު ކުރިން ޤައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރަކީ 200 ޑޮލަރުކަމަށާއި، މިއަދު އެ ނިސްބަތް 8000 ޑޮލަރަށް އެރުމަކީ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.މީގެ އިތުރުންވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ހެޔޮ ކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ ތަފާތު ސިޔާސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖެ އުފެދިފައިވާ ގޮތާއި ރަށްތަކުގެ މައްޗަށް އާބާދީ ބެހިފައިވާ ގޮތުގެ ސަބަބުން، އިޤްތިޞާދީ އަމާޒުތަކަށް ވާސިލް ވުމުގައި އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ހޯއްދެވުމުގެ ގޮތުން އާބާދީ އެއްފަސްކުރުމަށާއި، ޔޫތު ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، އުމްރާނީ ފަސޭހަތައް ތަނަވަސް ކޮށްދެއްވުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއާޕޯޓް މަޝްރޫޢުގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި، އިތުރު ޕާކިންގ ބޭ ހެދުމާއި، އާ ޓަރމިނަލްއެއް އެޅުން ހިމެނޭކަމަށެވެ. އަދި، އެއާޕޯޓު ތަރައްޤީކޮށް ނިމުމުން މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްވެ، 7.5 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މީގެ އިތުރުން، މިހާރު ތަރައްޤީކުރަން ހަމަޖައްސާފައިވާ 50 ރިޒޯޓުގެ މަސައްކަތް ނިންމައި، އެ ރިޒޯޓުތަކުން ފަތުރުވެރިންނަށް ޚިދުމަތްދޭން ފެށުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރެއްވި. އެގޮތުން، މިހާރު ސަރުކާރުން ކުރިއަށްގެންދަވާ ތަފާތު މަޝްރޫޢުތައް ނިމުމުން 90،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމުގައި ވިދާޅުވެ، އޭގެ ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު މި 5 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ