މެލޭޝިއާ އިން އެލިބުނީ އިބުރަތެއް، ކުރިއަށްދާންވީ އެކުގައި – ގާސިމް

މެލޭޝިއާގެ އާންމު އިންތިޚާބުން އެލިބުނީ އިބުރަތެއް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރިއަށްދާންވީ އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ "ޖޭޕީ ހޭވައްލާ" މިނަމުގައި ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ފެށި ޚާއްސަ ކެންޕޭނަށް ޖަރުމަންވިލާތުގައި ހުންނަވައިގެން ފޮނުއްވެވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
"މެލޭޝިޔާގެ އިންތިޚާބަކީ ވަރަށް ބޮޑު އިބުރަތެއް. އަޅުގަނޑުމެން އެކުގައި މަސައްކަތް މިކުރާ ޕާޓިތައް އެކުވެރިކަމާއިއެކު ކުރިއަށްދިއުމުގެ މުހިންމުކަން ވަރަށް ބޮޑު. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނަން." ގާސިމް ވިދާޅުވިއެވެ.
މެލޭޝިއާ އިން ލިބުނީ އިބުރަތެއް ކަމަށާއި ޕާޓީތައް ކުރިއަށްދާނީ އެގޮތުގައި ކަމަށް ގާސިމް ވިދާޅުވިއިރު އެމްޑީޕީ އިން ގެންދަނީ ގުޅިފައިވާ ޕާޓީތަކާއި ވަކިން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 15 ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ގާސިމްގެ ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ ސިޔާސީ ޕާޓީއެއްކަމަށާ ޖޭޕީއަކީ ސިޔާސީގޮތުން ކުރިއަށްދިއުމަށް އެންމެ ރަނގަޅު ޕާޓީކަމަށެވެ. ޖޭޕީގެ ސިޔާސަތަކީ ފޮރުވިފައިވާ އެޖެންޑާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ޕާޓީން ވާނީ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް އަބަދުވެސް މަސައްކަތް ކުރަމުން." ގާސިމް ވިދާޅުވިއެވެ.
ވަރަށް އަވަހަށް ވަރަށް މުހިންމު ބޭފުޅަކު ޖުމްހޫރޕާޓީ ގުޅިވަޑައިގަންނަވާނެކަމަށް ވެސް ގާސިމް މިރޭ ވިދާޅުވިއެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައި ގަންނަވާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ