ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރުކަން އަންނަ ދައުރަށް ވެސް ކުރެއްވުމަށް، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް، އެ ދާއިރާގެ މެންބަރު އަހުމަދު މުބީން އިއުލާން ކުރައްވައިފިއެވެ.
މުބީން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ބިލެތްދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އޭނާގެ ދެވަނަ ދައުރަކީ ވެސް އެ ދާއިރާގެ ރައްޔިތުންނަށް އިތުރަށް ހިދުމަތްކޮށް، ރައްޔިތުންގެ ލަބާއަށް މަސައްކަތްކޮށްދޭނެ ދައުރަކަށް ވެގެންދާނެ ކަމަށް މުބީންގެ ޓްވީޓްގައި ވިދާޅުވިއެވެ.
މިދިޔަ މަޖިލީސް އިންތިހާބުގައި ބިލެތްދޫ ދާއިރާގެ ގޮނޑި މުބީން ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. އެހެން ނަމަވެސް، އޭގެ ފަހުން މި ވެރިކަމުގެ ތެރޭގައި މުބީން ވަނީ ޕީޕީއެމަށް ގުޅިވަޑައިގެންފައެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ގާތްވަމުންދާއިރު، ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ދާއިރާ ދިފާއު ކުރައްވަން ނުކުންނަވާނެ ކަމަށް ފުރަތަމަ އިއުލާން ކުރެއްވި މެންބަރަކީ ވެސް މުބީނެވެ.
ބިލެތްދޫ ދާއިރާގެ ގޮނޑި ދިފާއުކުރައްވަން މުބީން ނުކުންނަވައިރު، ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ އޭނާ ތަމްސީލު ކުރައްވަމުން ގެންދަވާ ވިލިމާލެ ދާއިރާއަށް ވާދަނުކުރައްވަން ނިންމަވާފައެވެ. އެހެން ނަމަވެސް، އަންނަ މަޖިލިސް އިންތިހާބުގައި އެހެން ދާއިރާއަކަށް ވާދަކުރައްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދާއިރާއެއް ކަމެއް ނިހާން އަދި ހާމައެއް ނުކުރައްވައެވެ.
ބިލެތްދޫ ދާއިރާގެ ގޮނޑި ދިފާއުކުރައްވަން މުބީން ނުކުންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ