"އެޓޯލް ފުޓްބޯލް ޓޯރނަމެންޓް 2014" މިއަދު ހަވީރު ފަށަނީ

ރާއްޖޭގައި މި އަހަރު ބާއްވާ އެއްމެ ބޮޑު ފުޓްބޯޅަ މުބާރަތް ކަމުގައިވާ "އެޓޯލް ފުޓްބޯލް ޓޯރނަމެންޓް 2014" މިއަދު ރަސްމީކޮށް ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މި އަދު ހަވީރު ހދ. ކުޅުދުއްފުށީގައި ކަމަށާއި މުޅި ރާއްޖޭގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ނަވާރަ އަތޮޅަކުން 117 ޓީމް ބައިވެރިވެފައިވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.
އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވީ ގިނަ ޓީމްތަކަކުން އެ މުބާރާތުގައި ބައިވެރިވުމަކީ ޒުވާނުން އެ މުބާރާތައްދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މި މުބާރާތުގައި މިހާ ގިނަ ޓީމްތަކުން ބައިވެރިވެފައިވުމުން ދައްކުވައިދެނީ ރާއްޖޭގެ ޒުވާނުން މި މުބާރާތަށްދޭ އަހައްމިއްޔަތުކަން އަދި މި މުބާރާތަށްޓަކައި ކުރާ އުއްމީދު. މވަގުތު އަޅުގަނޑު އެއްމެ އިސްކަމެއްދޭ ކަމަކީ މި މުބާރާތް ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިއުން" އެފްއޭއެމްގެ ރައިސް ވިދާޅުވިއެވެ.
އެ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްތަކުގެ ވަރަށް ބޮޑު އެއްބާރުލުމާއި އެކުގައެވެ. އަތޮޅު ކައުންސިލްތަކުން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެފްއޭމްގެ ރައިސް އިލްހާމް އަހުމަދު ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
އެ މުބާރާތް ރަސްމީކޮށް މިއަދު ފެށުނު ނަމަވެސް ހއ. އަތޮޅު މުބާރާތުގެ ބައެއް މެޗްތައް މިހާރު ވަނީ ކުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ