ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިޚާބުކޮށްފި

ބޮޑު އަގުލަބިއްޔަތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސެއް އިންތިހާބުކުރުމަށް ރޭ ބޭއްވި ޖަލްސާގައި 80 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު ގާސިމަށް ލިބިވަޑައިގެންނެވީ 62 މެމްބަރުންގެ ވޯޓެވެ. އަދި ގާސިމާއެކު ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 16 ވޯޓް. އަދި ދެ ވޯޓް ވަނީ ބާތިލްވެފައެވެ. ގާސިމް އިންތިހާބުވެވަޑައިގަތުމާއެކު ގިނަ އަދަދެއްގެ މެމްބަރުން އަތްތިލަބަޑި ޖައްސަވަން ފެއްޓެވިއެވެ. 
އަދި ގާސިމާއި މުހާތަބު ކުރައްވާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ގާސިމަށް މަރުހަބާ ދަންނަވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކުގެ މަތިން ގާސިމް އަމަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް މޫސަ ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވެފައިވާ ގާސިމް އިބްރާހިމްއަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވުމާއެކު ވަރަށް އުފާފުޅުވެ ހިނިތުންވެވަޑައިގެން އިންނެވި މަންޒަރު ފެނިގެންދިޔައެވެ. 
އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހުގެ ރައީސްގެ މަޤާމަށް ގާސިމްގެ ނަން ހުށަހެޅުއްވީ އިންތިޚާބީ ރައީސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ެ އެވެ. އަދި އެހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފްެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ