އިހުލާސްތެރިކަން އޮތީ ރައީސް ޔާމީން އާއެކު - މެމްބަރު ޔާމީން

އިހުލާސްތެރިކަން އޮތީ ރައީސް އަބްދުﷲ ޔާމީން އާއެކު ކަމަށް، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވެއްދި ބޮޑު ދެ ހުށަހެޅުމުގައި ވެސް ސޮއިކުރެއްވި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހަށް ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރެކެވެ.
މީގެތެރއިން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވީ 49 މެމްބަރުންނެވެ. އެ ދެ ހުށަހެޅުމުގައި ވެސް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ސޮއިކުރައްވާފައިވެއެވެ.
އެ ދެ ހުށަހެޅުމުގައި ވެސް ސޮއިކުރެއްވި މެމްބަރު ޔާމީން ވިދާޅުވީ ގަރާރެއްގައި ސޮއި ކުރުމާއި އެއަށް ވޯޓު ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށާއި، އޭނާގެ އިހުލާސްތެރިކަން އޮތީ ރައީސް ޔާމީން އާއެކު ކަމަށެވެ.
ޔާމީންގެ އިތުރުން ދެން އެ ދެ ހުށަހެޅުމުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހިމެނިވަޑައިގަންނަވައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ މަހުގެ އަށްވަނަ ދުވަހަށް އެޖެންޑާ ކުރަން މަޖިލީހުގެ އިދާރާ އިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ