މެލޭޝިޔާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަންނަވަނީ

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދުގެ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ މެލޭޝިޔާއަށް ފުރާ ވަޑައިގަންނަވާނެ އެވެ. ރައީސް މައުމޫންއާއި ބޮޑު ވަޒީރު މަހާތިރު އަކީ ޒަމާންވީ ގާތް ދެ އެކުވެރިންނެވެ. މިއީ ރައީސް މައުމޫން ޖަލުން މިނިވަންވުމަށް ފަހު މެލޭޝިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިއަދު އެމްއާރުއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ މަޖިލިސް ކެމްޕެއިން މެނޭޖަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫން މިރޭ އެ ގައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް މައުމޫން އާއެކު އެމްއާރުއެމްގައި އިސްކޮށް ހަރަކަތްތެރިވާ އަމިނަތު ނާދިރާ އަދި ރައީސް މައުމޫން ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވި ކުރީގެ ޕަބްލިސް ވޯކްސް މިނިސްޓަރު އަބްދުﷲ ކާމަލުއްދީންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ. މެލޭޝިއާ ދަތުރުފުޅަށްފަހު ރައީސް މައުމޫން އެބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ، މި މަހު 21 ވަނަ ދުވަހުއެވެ. އުމުރުން 93 އަހަރުފުޅުގެ މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރު މެއި މަހު އެވެ. އޭރު ރައީސް މައުމޫން އޮންނެވީ ޖަލުގައެވެ. އޭނާ އިންތިހާބުވީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކޮށެވެ. ކުރިން ސިޔާސީ މަސައްކަތުގައި އެކުގައި އުޅުއްވި ނަޖީބާ ދެކޮޅަށް މަހާތީރު ނުކުމެވަޑައިގަތީ ނަޖީބުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި އެހެނިހެން ކަންކަމާވެސް ހިތްހަމަޖެހިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ. މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ ޖުލައި 1981 އިން އޮކްޓޫބަރު 2003 އަށެވެ. އޭރު ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް، އެމަނިކުފާނުގެ ދައުވަތުފުޅަކަށް މަހާތީރު ރާއްޖެވެސް ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ