ދައުލަތުން ގެއްލިފައިވާ ކަމަށް ބުނާ ފައިސާ ހޯދަން އެމެރިކާގެ ފެޑެރަލް ބިއުރީ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި އެ ގައުމުގެ އެހެން އެޖެންސީތަކުގެ އެހީތެރިކަން ހޯއްދަވަން ވިސްނަވާކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށް ތުުހުމަތުކުރެވޭ ފައިސާ ހޯދުމަށާއި، ކޮންޓްރެކްޓްތަކުގެ ތަފްސީލު ހޯދުމަށް ކުރާ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރީ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި އެ ގައުމުގެ އެހެން އެޖެންސީތަކުގެ އެހީތެރިކަން ހޯއްދަވަން ވިސްނަވާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވިކަމަށް ރިޕޯޓު ކޮށްފައިވަނީ އެމެރިކާގެ ނޫހެއްކަމަށްވާ "ލޮސް އެންޖަލިސް ޓައިމްސް" ގައެވެ.
އިބޫ މިހެން ވިދާޅުވެފައިވާއިރު، އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ރާއްޖޭން ހިންގާ ތަހުގީގަށް އެހީތެރިވުމަށް އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
އެ ނޫހުގައި ބުނެފައިވަނީ، ޗައިނާއަށް ދަރާފައިވާ މިންވަރު ތިން ބިލިއަން ޑޮލަރަށް އަރާތޯ ބަލަމުންދާކަމަށެވެ. އަދި ސޮވެރެން ގެރެންޓީގެ ގޮތުގައި ސަރުކާރުން ލޯންތައް ނަގާފައިވާކަމަށާއި، ޕްރޮޖެކްތައް ފެއިލްވެއްޖެނަމަ ދައުލަތުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.
"އެއް ގެރެއްޓީގެ އަގު 370 މިލިއަން ޑޮލަރަށް އަރާއިރު، އެ ނަގާފައިވަނީ މިދިޔަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފުލެޓް އެޅުމަށް. ނަމަވެސް ސަރުކާރު ހިއްސާވާ ޑިވޮލަޕާއެއް ބަނގުރޫޓްވުމާ ހަމައަށް ދިއުމުން ސަރުކާރުން 24 މިލިއަން ޑޮލަރު ކުންފުންޏަށް ދީފައިވޭ. މިއީ އެ ޕްރޮޖެކްޓްގެ ހިންގޭނެ ކަމާ އަދި އެ ލޯން އަބުރާ ދެއްކޭނެކަމާ މެދު ސުވާލު އުފެދޭ" މި ނޫހުގައި ބުނެފައިވެއެވެ.
ރާއްޖެއިން ޗައިނާއަށް ދަރާފައިވާ މައްސަލައާއި ގުޅިގެން އެ ނޫހަށް މައުލޫމާތު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި މިކަމާ ޗައިނާއާ ވާހަކަދައްކަން ޖެހޭ ކަމަށެވެ. އަދި އެއީ އެއްބަސްވުންތައް ކެންސަލް ކުރުމާ ބެހޭގޮތުން ނޫންކަމަށާއި، މަޝްވަރާ ކުރުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ނުހައްގު އެއްޗެއް ނުދެވޭނެކަމަށާއި، "އަޅުގަނޑުމެންގެ ލެޔެއް ނުދެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ގެއްލުނު ފައިސާ ހޯދުމުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ