މައުމޫން، ނަދީމް އަދި ފާރިސްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދިއުމަށް ނިންމާ އެ މައްސަލަތައް އަނބުރާ ފޮނުވާލާފައިވާކަން ނިންމާ ޕީޖީ އޮފީހުން އެކަން ވަނީ އެބޭފުޅުންނަށް އަންގާފައެވެ.
ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިތުރުބަޔަކާއި ގުޅިގެން ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތުދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
ރައީސް މައުމޫންގެ ދަރިކަލުން ފާރިސްގެ މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް، ފާރިސް މައުމޫން ބައެއް މެންބަރުނަށް ނުފޫޒުފޯރުވާ ގާނޫނާއި ޚިލާފު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
ނަދީމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިތުރުބަޔަކާއި ގުޅިގެން ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތުދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނީ ރައީސް މައުމޫނާއި، މުހައްމަދު ނަދީމް އަދި ފާރިސް މައުމޫންގެ މައްޗަށް، ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އިތުރަށް ކުރިއަށް ގެންދަން ނުފެންނާތީ އެމައްސަލަތައް އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލާފައިވާކަމަށެވެ.
ރައީސް މައުމޫންގެ އެއްބަފާ ކޮއްކޮ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެެތި އަނިޔާތަކެއް ލިބިފައިވަނީ ރައީސް މައުމޫންގެ އާއިލީ ބޭފުޅުންނަށެވެ. އެގޮތުން ރައީސް މައުމޫނާއި، ފާރިސް މައުމޫން އަދި މުހައްމަދު ނަދީމް އެތަށް މަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅެފަވެއެވެ. މީގެ އިތުރުން ބޮޑެތި ތުހުމަތުތަކެއްކޮށް، ޖިނާއީ އެތައް ދައުވާތަކެއް ވަނީ އުުފުލާފައެވެ. އަދި ރައީސް މައުމޫންގެ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓްވެސް އެތައް ފަހަރެއްގެ މަތިން އެކި މުއްދަތުތަކަށް ހިފަހައްޓާފައިވެއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކީ ރައީސް ޔާމީންގެ ސަރުކާރުގެ ނުފޫޒުގައި، އެއްވެސް އަސާސެއްނެތި އުފުލާފައިވާ ދައުވާތަކެއްކަމަށް ގިނަ ބަޔަކު ކުރިންވެސް ދިޔައީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ