ޖޭޕީން ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ: އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ކުރިއަށްއޮތް ފަސް އަހަރު ކުރިއަށްދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށެވެ.
"ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ. އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްއޮތް ފަސް އަހަރު ކޮންޓިނިއު ކުރާނަން. އެއީ ޖުމްހޫރީ ޕާޓީގެ ޕޮޒިޝަނަކީ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކުރިއަށް މިއަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި އިންތިޚާބަކަށް ދާއިރު ޖުމްހޫރީ ޕާޓީއަށް ވެސް ރައްޔިތުންގެ މެޖޯރިޓީއެއް ބޭނުންވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއަކާއި ހުރިހާ ލީޑަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ހުރިހާ ލީޑަރުންގެ ތާއީދު ބޭނުންވޭ. އެ ތާއީދު ބޭނުންވުމަކީ އެބޭފުޅަކާއެކު މަސައްކަތްކުރުމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީން ނޫނީ ޕީޕީއެމް ނޫނީ ޕީއެންސީ ވެގެންދާނީ އޮޕޮޒިޝަނަށް، އަޅުގަނޑުމެން ވާނީ ސަރުކާރަށް. އޮޕޮޒިޝަނުން ރަނގަޅަށް ޕޮލިޓިކްސް ހިނގާ ކަމުގައިވަންޏާ އަޅުގަނޑުމެން ޒާތީ ވެގެންނެއް ނުވާނެ އެއްވެސް ބަޔަކާ. އަޅުގަނޑުމެން އޮޕޮޒިޝަންގެ ގޮތުގައި ތިބި ބަޔަކާއެކު ވެސް މަޖިލިސް ތެރެއިން ކުރަންޖެހޭ ބަހުސް، މަޝްވަރާ ކުރެވެން ޖެހޭނެ. އެމީހުންނާ އެއްވެސް ވާހަކައެއް ނުދެކެވި، ކަންކަން ނުކުރެވޭ ގޮތަކަށް އޮވެގެންނެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން ގާސިމް އިބްރާހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސަށްވުމާއެކު ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ހިންގުމަށްޓަކައި މިވަގުތު ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ކަމުގައިވިޔަސް، އަދި ބައެއް ހާލަތްތަކުގައި ހަގީގަތުގައި ރައްޔިތުން އެއަށް އަމަލުކުރަން ލާޒިމުވާ ބިލުތައް ފާސްކުރެވޭނީ ވެސް 43 މެންބަރުން ތިބެގެން. އެހެންވީމާ އެ 43 މެންބަރުން ހަމަކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި އެބަޖެހޭ ބައެއް ދުވަސްތަކުގައި ޕީޕީއެމްގެ މެންބަރުން ވެސް އޭގެ ތެރޭގައި ހިމަނަން. އަޅުގަނޑަކަށް ނުފެނޭ ޖުމްހޫރީ ޕާޓީ، ރައީސް ޔާމީނާއެކު ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރާ ތަނެއް،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ