ރައީސް ނަޝީދު މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑިއަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލޭގެ އާ އިންތިޚާބީ ދާއިރާ ކަމުގައިވާ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވަން ނިންމަވައި އެކަން އިއުލާންކުރައްވައިފިއެވެ.
ރައީސް ނަޝީދު އަންނަ މަޖިލިސް އިންތިޚާބުގެ މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެކަން އިއުލާންކުރައްވާފައިވަނީ، މިރޭ ކާމިނީމަގުގައި އޮތް ޖަލްސާއެއްގައެވެ.
ރައީސް ނަޝީދު މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އެހެން ފަރާތެއްވެސް ވަނީ ވާދަކުރައްވަން ނިންމާ އެކަން އިއުލާންކޮށްފައެވެ. އެއީ އައިޝަތު އަލައިކާ އަދުނާނެވެ.
މިރޭ ރައީސް ނަޝީދުގެ ކެމްޕެއިން ފައްޓަވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ގަސްދުކުރައްވާފައިވާއިރު، އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނަށް އެގޮނޑި ގެއްލުނީ ވެލާނާގެއިން ކަރުދާސްތަކެއް ނެގި މައްސަލައިގައި ޖަލުހުކުމެއް އައުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ