ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެހެން ބުނީ، ވެރިކަމުގައި ހުންނަވައި ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ފަރާތުން ސާފުކުރެވުނު މައުލޫމާތު ތަކުން އެމަނިކުފާނުގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ފުލުހުންނަށް ލިބިފައިވާ އެކައުންޓަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެ ފައިސާގެ މުއާމަލާތްކޮށްފައިވާކަން އެނގޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ރައީސް ޔާމީންގެ އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް ދިވެހި ފައިސާއިން ޖުމްލަ 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ފްރީޒްކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ މައްސަލަތަކާ ގުޅިގެން މިއަދުގެ ތަހުގީގަށް ރައީސް ޔާމީން ޖަވާބު ދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ފްރީޒްކޮށްފަ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ