ރައީސް މައުމޫން ޑރ. މަހާތީރާ ބައްދަލު ކުރައްވައިފި

އަމިއްލަފުޅު ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ގައްޔޫމް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރް މުޙައްމަދާ ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫން ޑރ. މަހާތީރާ އިއްޔެ ބައްދަލުކުރެއްވީ، މައުމޫން ފައުންޑޭޝަންގެ ޗެއާމަންގެ ޙައިސިއްޔަތުންނެވެ.
މި ބައްދަލު ކުރެއްވުމުގައި، މައުމޫން ފައުންޑޭޝަންގެ މަޤްޞަދުތަކާއި އެ ފައުންޑޭޝަނުން ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށް ހިންގާ އިޖްތިމާއީ ޚިދްމަތްތަކުގެ މަޢުލޫމާތު މަހާތީރަށް، މައުމޫން އެރުވި އެވެ.
ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވުމުގެ އިތުރުން، ޑރ. މަހާތީރް މުޙަންމަދަކީ މެލޭޝިޔާގެ ޕެރްދާނާ ލީޑޝިޕް ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ވެސްމެއެވެ.
ޑރ. މަހާތީރް މުޙަންމަދާ ބައްދަލު ކުރައްވާ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ޕެރްދާނާ ލީޑާޝިޕް ފައުންޑޭޝަންގެ ތެރެއިން ޑރ. މަހާތީރް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފް ކުރެއްވި އެވެ. ޑރ. މަހާތީރްގެ ވާހަކަފުޅުގައި، މެލޭޝިޔާގެ ތަޢުލީމީ މުއައްސަސާތަކުގެ އެހީތެރިކަން މައުމޫން ފައުންޑޭޝަނަށް ލިބޭތޯ ބައްލަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ކުއާލާ ލަމްޕޫރުގެ ޓްވިން ޓަވާޒްގައި ހުންނަ ޑރ. މަހާތީރްގެ އޮފީހުގައި ބޭއްވުނު މިބައްދަލު ކުރެއްވުމުގައި މައުމޫންފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޢައްބާސް އިބްރާހީމާއި ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓްގެ އެސިސްޓެންޓް ޕްރިންސިޕަލް ސެކްރެޓަރީ އިސްމާޢީލް ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ