މައި ކޮލެޖުގެ އެގްރިކަލްޗާ ސްކޫލް އައްޑޫގައި ހުޅުވައިފި

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (މައި ކޮލެޖު) ގެ އެގްރިކަލްޗާ ސްކޫލް އައްޑޫ ސިޓީގައި ހުޅުވައިފި އެވެ.
މި ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ މިއީ އެ ކޮލެޖުގެ މިފަދަ ފުރަތަމަ ސްކޫލް ކަމަށާއި މި ސްކޫލްގެ ސަބަބުން އައްޑޫގައި ދިރިއުޅޭ އެތައް ރައްޔިތުންތަކަކަށް ގިނަ ފައިދާތަކެއް ލިބި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން މި ސްކޫލްގެ ފަރާތުން "ސެޓްފިކޭޓް ލެވެލް ތްރީ އިން ގާޑަނިން" ގެ ނަމުގައި ކޯހެއް ހުޅުވާލަން ނިންމާފައިވާ ކަމަށާއި ލެވެލް ތިނެއްގެ ކޯހަކުން ފެށި ނަމަވެސް އެ ސްކޫލްގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ފޯރުކޮށްދިނުން ކަމަށް ލަމްޔާ ވިދާޅުވި އެވެ.
"ޑިގްރީ، މާސްޓާސް ޕްރޮގްރާމްތައް ފެށުން. އަދި ވަރަށް އަވަސް ފުރުސަތެއް މި ދާއިރާއާ ގުޅޭ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ތަޖުރިބާކާރުން މެދުވެރިކޮށް މި ސިޓީގައި ދިރިއުޅޭ ދަނޑުވެރިންނާއި އަދި އެހެނިހެން ރައްޔިތުންނަށް މީގެއިން މަންފާއެއް ލިބޭ ގޮތަށް ކުރިއަށް ގެންދަން ރޭވިފައިވޭ" ލަމްޔާ ވިދާޅުވި އެވެ.
ލަމްޔާ ވިދާޅުވީ ލެވެލް ތިނެއްގައި ކޯހުގައި ދަނޑު ހެއްދުމާއި ގުޅޭ އެކިއެކި މައުލޫމާތުތައް ދެވިގެންދާނެ ކަމަށާއި އަދި މި ބެޗަށް ހާއްސަ ފުރުސަތުތަކެއް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 10 ދަރިވަރަކަށް ސްކޮލަޝިޕް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެންމެ މޮޅު ތިން ދަރިވަރުންނަށް ބަންގްލަދޭޝް އަށް ޒިޔާރަތްކޮށް އެގައުމުގައި ދަނޑު ހައްދާ ބިންތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެ ކޯހުގެ އެންމެ މޮޅު ދަރިވަރަށް ވިޔަފާރިއެއް ފެށުމަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާކަން ވެސް ލަމްޔާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ