ރަައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވަން: އަބްދުﷲ ޝާހިދު

ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރައި، އާންމުންގެ ގެދޮރާއި މުދަލަށް ގެންލުންވަމުންދާތީ، އެ ރަައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން، އެމަނިކުފާނު ސޯޝަލްމީޑިއާގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށާއި މުދަލަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ރައްޔިތުން ތަހަންމަލު ކުރާ ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.
އުދައިގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށުން 300 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ ސެންޓަރުން ބުނެފައިވެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެމުން، މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ވާނެ ކަމަށެވެ. މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނަމުން އަންނަ އިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވުމާއި، އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުތައްވެސް ދަނީ ނެެރެމުންނެވެ. މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް ހުންނާނެ ކަމަށް ބެލެވެއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ގިނަ ރަށްތަކަކަށް އުދައިގެ އަސަރުކޮށްފައިވަނީ، ހުޅަނގު މޫސުމުގެ ވައި ބާރުވެ، އޮއި ގަދަވުމުންނެވެ.
އުދަ އަރަމުންދަނީ ހުކުރު ދުވަހުގެ މެންދުރުުން ފެށިގެންނެވެ. އުދަ އަރައިގެން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނުކަމަށް ޚަބަރު ލިބެނީ އައްޑޫ ސިޓީއަށެވެ.
އައްޑޫ ސިޓީގެ އިތުރުން، ލ. ގއ. އަދި ގދ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
މޫސުން ލަފާކުރެވޭ ގޮތުން، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ދެކުނުގެ ރައްތަކަށް އުދަ އެރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ