ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލްގައި ކިޔަވަމުން އަންނަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލައާ ގުޅިގެން ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް އިސްކަންދަރު ސްކޫލުން ބުނެފިއެވެ.
މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ފިރިހެން ކުއްޖަކު ގްރޫމް ކޮށް، އެއްޖިންސުން ގުޅުންހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާ ޓީޗަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އިސްކަންދަރު ސްކޫލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ މިފަދަ ކަމެއްގެ ތުހުމަތުގައި ސްކޫލުގެ ޓީޗަރަކު ހައްޔަރު ކުރުމަކީ ސްކޫލުން ކަންބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށާ، ސްކޫލުން ހިންގާ އެންމެހައި ހަރަކާތްތަކެއް ސްކޫލުން ގެންދަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްގެން ކަމަށެވެ.
އަދި މުސްތަގުބަލުގައިވެސް ސްކޫލާއި ސްކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތެއްގައިވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އެ ސްކޫލުން ވަނީ ދީފައެވެ.
މީގެ އިތުރުން ސްކޫލުން ބޭރުގައިވެސް ދަރިވަރުންނާއި އެހެނިހެން ފަރާތްތަކާއެކު ހިންގޭ ހުރިހާ ހަރަކާތްތަކަކާއި މުއާމަލާތްތަކެއްގައިވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ބަޔާނުގައި އިލްތިމާސް ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ގްރޭޑު 8 ގެ ލީޑިންގ ޓީޗަަރު ޕަޕަންޑްރިއޯ ސްރިޖިތު އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މައްސަލައާ ގުޅިގެން 52 އަހަރުގެ އިންޑިއާ ފިރިހެނަކު މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އެދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޓީޗަރުގެ މައްޗަށް އެ ޓީޗަރު ކިޔަވައިދެމުންދިޔަ ސްކޫލުގެ ގިނަ އަދަދެއްގެ ފިރިހެން ދަރިވަރުން ގްރޫމްކޮށް، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މި ތުހުމަތުތަކާ ގުޅޭ ކަންކަންވެސް ފުލުހުން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ