ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ޖޭޕީ އަށް ލިބެމުންދާ ތާއީދު ކުރިއަށް ވުރެ ބޮޑަށް އިތުރުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިއްމާލުމަށް ފަހު މާލެ ވަޑައިގަތް ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އައްބާސް އަދި އިލްޔާސް ފަދަ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތީ ކުރިންނޭގޭ އެތައްކަމެއް އެނގުމުން ކަމަށާއި އެގޮތުން މިހާރު އެ ބޭފުޅުންނަށް ތާއީދުކުރައްވާ އެތައް ބަޔަކު ވެސް ޖުމްހޫރީ ޕާޓީއާ ގުޅެމުންދާ ކަމަށެވެ. އަދި އެކަމަށް ޓަކައި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އޮނަރަބަލް އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހީމް އަކީ އަދި އިބްރާހިމް މަނިކަކީ އަބްދުﷲ ކަމާލުއްދީންގެ އިތުރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅުން. ވަރަށް ގިނަ ބަޔަކާ ގުޅުން ހުރި ވަރަށް ގާތް ރައްޓެހިންތަކެއް ތިބި ބޭފުޅުން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މައުމޫން ކުރިމަތި ލެއްވި ނަމަ ތާއީދުކުރައްވާނެ ކަމަށް އައްބާސް އާއި އިލްޔާސް ވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް މައުމޫން ކުރިމަތިނުލެއްވުމުން ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ކެންޑިޑޭޓަކީ އަޅުނގަޑު ކަމަށް ނިންމުމުން، ރައްޔިތުންނަށް ލިބުނު ޔަގީންކަން އިތުރުވެ އަޅުނގަޑަކީ ދޮގު ހަދާ އޮޅުވާލާ ބޭފުޅެއް ނޫންކަން ސާފުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މި އަހަރުގެ އިންތިހާބު އެއް ވަނަ ފަހަރުން ނިމޭނެ ކަމަށް ވަންޔާ ކާމިޔާބު ކުރާނީ އެއްވަނައިގައި އޮވެގެން ކަމަށާއި ރައްޔިތުން މި ގައުމު ސަލާމަތް ކަމާއި އެކީގައި ބޭރުގެ ބައެއްގެ ނުފޫޒުގެ ދަށަށް ދާން ބޭނުން ނެތިއްޔާ ގާސިމަށް ވޯޓު ދެއްވަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީ އަށް އެއްބުރުން ކާމިޔަބު ކުރެވޭނެ ކަމަށް ވިދާޅުވާން ނޭނގޭ ކަމަށާއި ނަމަވެސް އެއްބުރުން އެއްވެސް ބަޔަކަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ގޮސްފި ނަމަ ގޮތެއް ނިންމާނީ ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ މަޝްވަރާ ކުރައްވާފައި ކަމަށް ގާސިމް ވިދާޅުވި އެވެ.
އިލިޔާސާއި އައްބާސް ޖޭޕީއާ ގުޅިވަޑައިގަތުމުން ތާއީދު އިތުރުވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ