އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، އެ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިމަހު ވަނީ ތާއީދުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އެ ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ ހައި ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފް ހުކުމެއް ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ހުކުމް ރަނގަޅު ކަމަށެވެ.
އެހެންވެ، އެ ދެ މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ. އެގޮޮތަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު އެ ދެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމުނީ އެވެ. އެހެންވުމުން ފަނޑިޔާރުންގެ ގާނޫނު އޮތްގޮތުން އެ ދެ ބޭފުޅުން މިހާރު މަގާމުން ވަކިވީ އެވެ.
ނުފޫޒު ފޯރުވި މައްސަލާގެ އިތުރުން ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އިންކާރު ކުރި މައްސަލާގައި ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އަދި ނުފަށަ އެވެ.
އެ މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާއެއް ވެސް ދައުލަތުން އެ ބޭފުޅުންގެ މައްޗަށް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އިއްވި ޖަލު ހުކުމް ރަނގަޅު ކަމަށް ނިންމައި، އިސްތިއުނާފް ބަލައިގެނެވޭކަށް ނެތް: ސުޕްރީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ