ހުކުމް ވިއްކާކަމުގެ ތުހުމަތާއެކު ޕޭރޫ ސުޕްރީމް ކޯޓުގެ ރައީސް އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ހުކުމް ވިއްކެވުމާއި، ނުފޫޒު ވިއްކެވުމުގެ ތުހުމަތާއެކު ޕޭރޫގެ ސުޕްރީމް ކޯޓުގެ ރައީސް ޑުބަރލީ ރޮޑްރިގޭޒް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ރައީސް ޑުބަރލީ ރޮޑްރިގޭޒްގެ މައްޗަށް، ކޯޓުގެ ހުކުމް ވިއްކެވުމާއި، މަގާމުގެ ނުފޫޒު ވިއްކެވުމުގެ ތުހުމަތުތައް ކުރެވުނީ، އޭނާ ދައްކަވާފައިވާ ވާހަކަތައް ހިމެނޭ އެތައް އޯޑިއޯ ރެކޯޑިންގެއް އާންވުމާ ގުޅިގެންނެވެ.
މިކަމުގެ ތުހުމަތުތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާކަން ޑުބަރލީ ރޮޑްރިގޭޒް ހާމަކުރެއްވީ، ސުޕްރީމް ކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
އަދި މަގާމުން އިސްތިއުފާ ދެއްވި ސަބަބު، މިރޭ ބާއްވާ ސުޕްރީމް ކޯޓުގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ސާފުކޮށް ހާމަކޮށް ދެއްވާނެ ކަމަށްވެސް ރޮޑްރިގޭޒް ވިދާޅުވެފައި ވެއެވެ.
ހުކުމް ވިއްކެވުމާއި، ނުފޫޒު ވިއްކެވުމުގެ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުމާއެކު، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ގެންދެވީ ރައީސް ޑުބަރލީ ރޮޑްގޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އަދި ޕޭރޫގެ ޝަރުއީ ނިޒާމު އިސްލާހްކުރުމުގެ މަސައްކަތް ކުރިއަށް ދާންޖެހޭނީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވިފައިނުވާ ސާފު ބޭފުޅަކު ސުޕްރީމް ކޯޓުގައި އިސްކޮށް ހުންނަވައިގެން ކަމަށްވެސް އެހެން ފަނޑިޔާރުން ވިދާޅުވަމުން ގެންދަވައެވެ.
ޕޭރޫގެ ޖުޑިޝަރީ އިސްލާހްކުރުމަށް ސުޕްރީމް ކޯޓުން 90 ދުވަހުގެ ކުއްލި ހާލަތެއް، ބުދަދުވަހު އިޢްލާން ކޮށްފައި ވެއެވެ. އެކަމާބެހޭ ގަރާރުގައި ސޮއި ކުރެއްވީވެސް ސުޕްރީމް ކޯޓުގެ ރައީސް ޑުބަރލީ ރޮޑްރިގޭޒެވެ.
ސުޕްރީމް ކޯޓުގެ ރައީސް މިއަދު އިސްތިއުފާ ދެއްވިއިރު، ކޯޓުތަކަށް ފަނޑިޔާރުންނާއި، ޕްރޮސެކިއުޓަރުން އައްޔަން ކުރުމުގެ ޒިންމާއާ ހަވާލުވެފައި އޮންނަ ނޭޝަނަލް ކައުންސިލް އޮފް ދަ މެޖިސްޓްރެސީގެ ރައީސް އޯލަންޑޯ ވެލަސްކްއޭޒްވެސް މިއަދުވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ މިދެއްވީ، މަގާމަށް އައްޔަން ކުރެވުނުތާ ތިންވަނައަށްވީ ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ "އަމިއްލަ ޝަރަފަށްޓަކައި" އެވެ.
ޕޭރޫގައި ބަޔަކު ލީކްކޮށްލި އޯޑިއޯ ރެކޯޑިންތަކާ ގުޅިގެން، ޕޭރޫގެ ރައީސް މާޓިން ވިޒްކަރާ މިދިޔަ ހަފްތާގައިވަނީ، ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ ސަލްވަޑޯރ ހެރެސީވެސް މަގާމުން ވަކިކުރައްވާފައެވެ. އެއީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހެރެސީއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ އޮޑިއޯއާ ގުޅިގެންނެވެ.
ތަހްގީގީ ނޫސްވެރިކަމުގެ ވެސްބައިޓަކުން ލީކްކޮށްލި އޯޑިއޯތަކާ ގުޅިގެން ޕޭރޫގެ އެތައް ފަނޑިޔާރުންނާއި، އެތައް އޮފިޝަލުން މިހާތަނަށް ސަސްޕެންޑް ކޮށްފައިވާއިރު، ޕޭރޫގެ ރައީސްވަނީ ޝަރުއީ ނިޒާމު އިސްލާހްކުރުމުގެ ޕްރޮޕޯސަލްއެއް ތައްޔާރުކުރުމަށް ޚާއްސަ ތަޖުރިބާކާރުންގެ ހަބޭފުޅުންހިމެނޭ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ