އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ބޭނުމަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވާގޮތެއް ހޯދުން ނޫން ކަމަށާއި އެ އިންތިހާބުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށްވާ ގޮތް ހޯދުން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކްލިނިކް ސަރަހައްދުގައި ޕީޕީއެމްގެ "ރާސްޓަސް"ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު މިރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެ މަނިކުފާނު ހުންނަވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ހޮއްވަވަން ކަމަށާއި މިހާރު ވެސް ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ. އަދި ބައެއް ބޭފުޅުން އެ މަނިކުފާނު ހުންނެވީ އެވެނި ގޮތަކަށޭ މިވެނި ގޮތަކަށޭ ކިޔައިގެން އެ ވާހަކަ ދައްކަވަމުން ގެންދަވަނީ މީހުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޔާމީނަށް ވުރެ މައުމޫނަށް ހެޔޮކޮށް ހިތާނީ މިވެނި ބޭފުޅެކޭ. އެހެން ވީމާ ޔާމީން އިންތިހާބު ކުރުމަށް ވުރެ މައުމޫނަށް ރަނގަޅު ވާނީ މިވެނި ބޭފުޅަކު އިންތިހާބު ކުރުމޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެއީ ވަރަށް ބޮޑު އޮޅުމެކޭ. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ މި އިންތިހާބުގެ ބޭނުމަކީ މައުމޫނަށް ވާގޮތެއް ހޯދުމެއް ނޫނޭ،" ޖުމުހޫރީ ގުޅުމުގެ މެންބަރު އުމަރު ނަސީރު ދެެއްކެވި ވާހަކަ އަށް އިޝާރަތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.
އިއްޔެ ޖުމްހޫރީ ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރު ވިދާޅުވީ މައުމޫނަށް ރަނގަޅުވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުވުން ކަމަށެވެ.
މައުމޫން ވިދާޅުވީ މި ރިޔާސީ އިންތިހާބުގެ ބޭނުމަކީ އެމަނިކުފާނަށް ހެވާއި ލަބަޔާއި ރަނގަޅު ގޮތް ހޯދުން ނޫން ކަމަށާއި އެމަނިކުފާނު އެއްވެސް ކަމެއް ކަމެއް ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ކަމެއް ބޭނުމެއް ނުވޭ. ރައީސް ކަމެއްވެސް އަދި އެހެން ކަމެއްވެސް ބޭނުމެއް ނުވޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް މިހާރު އޮތީ އެންމެ އަށް ދުވަސް ކަމަށާއި އެހެން ކަމުން މި އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި އިންތިހާބުގެ ބޭނުމަކީ މައުމޫނަށްވާ ގޮތެއް ހޯދުމެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ