ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ހައިކޯޓުގައި އެ ބޭފުޅުންގެ ގާނޫނީ ވަކީލުން އެދިވަޑައިގެންފި އެވެ.
ހައި ކޯޓު ހިންގުމަށް ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނަށް ރައީސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ދެ ބޭފުޅުންނަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށައަޅުއްވާފައިވާއިރު އެ މައްސަލަ ހައި ކޯޓުން ބަލާ ނިމެންދެން ބަންދުގައި ބަހައްޓަވައިފި ނަމަ އިއާދަ ނުކުރެއްވޭ ފަދަ ގެއްލުމެއް އެ ބޭފުޅުންނަށް ލިބިދާނެ ކަމަށެވެ. އަދި އެ ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އެދިވަޑައިގަންނަވަނީ ހައި ކޯޓުގެ ގަވައިދުގެ 67 ވަނަ މާއްދާއާ ހަވާލާދީ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ. އެ މާއްދާގައި ބުނެފައިވަނީ "ކުށްވެރި ވެއްޖެ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވާ މީހަކު ނުވަތަ ހައި ކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށެއްގެ ތުހްމަތުގައި ހުރި މީހަކު ހައި ކޯޓުން ގަބޫލުކުރާ ފަދަ ކަފާލަތެއް ހުށަހަޅައިފި ނަމަ ހައި ކޯޓުން އެ މައްސަލައަކާމެދު ނަޒަރު ހިންގުމުގެ ތެރޭގައި ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައި ކޯޓުގެ އިހްތިޔާރު ކަމެއް ކަމަށެވެ.،"
ކަފާލާތުގެ ދަށުން ދޫކޮށްލަން މައުމޫނު ދޫކޮށްލަން އެދެނީ މައުމޫނާއި ފާރިސްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކުށަކީ ކާފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކުށެއް ކަމަށް ނުވާތީ އާ އެ ބޭފުޅުންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ޖަލު ބަންދުކޮށްފައި ބެހެއްޓުމަކީ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެހެން ކަމުން ފާރިސް އާއި މައުމޫނު ހައި ކޯޓަށް ހުށަހައަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ކަނޑައަޅާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމަން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް މައުމޫނު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތައް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމަށް މައުމޫނު ފަރާތުން ހުށަހަޅުއްވައިފައިވަނީ އެކެއް ޖުލައިގަ އެވެ. އަދި ޝަހުސު އޮޅުވާލި ކަމަށް ބުނެ ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާ ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށައެޅުއްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ފާރިސް އާއި މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހައި ކޯޓަށް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ