އޮޅުވެލިފުށިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ މުޒާހަރާ ކުރަން ފަށައިފި

ޅ. އޮޅުވެލިފުށީގެ ރައްޔިތުންނަށް ލިބެމުން އަންނަ ކަރަންޓުގެ ހިދުމަތް ކަމުނުދާ ކަމަށް ބުނެ އެ ރަށު އަންހެންވެރިން އިސްނަގައިގެން ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޮޅުވެލިފުށީ ރައްޔިތުންގެ އިންޖީނުގެއާ ނޮދަން ޔުޓިލިޓީސް ކުންފުނިން ހަވާލުވިތާ ތިން އަހަރުވީ އިރު ވެސް އިންޖީނުގެ އަށް އެއްވެސް ތަރައްގީއެއް އައިސްފައިނުވާ ކަމަށާއި ދުވަހެއް ދުވަހަކަށް އެ ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވަމުން އަންނަ ކަމަށެވެ. އަދި މިފަހަކަށް އައިސް އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެގޮތަށް ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އަގުބޮޑު އެތައް އިލެކްޓްރިކް ސާމާނުތަކަށް ގެއްލުންތައް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އިރުއިރުކޮޅާ ކަރަންޓު ކެނޑެނީ. ކަރަންޓު ހުންނަ ވަގުތެއްގައި ވެސް އަޅުގަނޑެމެންނަށް ޓީވީއެއް އެއްޗެއް ޖައްސާލެވޭކަށް ނޯވޭ. މިއަދު ވެސް 25 ހަކަށް ފަހަރު ކަރަންޓު ކެނޑިއްޖެ. އެގޮތަށް ކަރަންޓު ކެނޑެން ފެށުނު ފަހުން އެއްގެއެއްގެ ހުރި ޓީވީއެއް ވެސް ވަނީ ހަލާކުވެފައި. އަދި ލެޕްޓޮޕާއި ފުރިޖު ފަދަ އެއްޗެހި ވެސް ހަލާކުވެފަ އެބަހުރި،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ރަށު އިންޖީނުގޭގައި ހުންނަނީ ބާ ޖަނަރޭޓަރު ކަމަށެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި އެ ދެ ޖަނަރޭޓަރުން ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"އިންޖީނުގޭގައި އިންނާނީ ބާ ތިން ޖަނަރޭޓަރު. އޭގެ ތެރެއިން ދެ ޖަނަރޭޓަރު ބޭނުންކުރެވޭ ހާލަތުގައި ހުރީ. އެ ޖަނަރޭޓަރުތަކުން ލިބޭ ކަރަންޓުން އަޅުގަނޑުމެންނަކަށް ނޯވޭ ފްރިޖެއް އެއްޗެއް ޖައްސާލެވޭ ކަށް. ފުރިޖެއް ޖައްސާލެވުނަސް އެއްޗެއް ގަނޑުކޮށެއް ނުލެވޭ. ފާއިތުވި އަހަރެއްހާ ދުވަސްވަންދެން މިރަށު ރައްޔިތުން މިއުޅެނީ މިހާލުގައި،" އޭނާ ބުންޏެވެ.
އޮޅުވެލިފުށީ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ ރަށުން އިރުއިރުކޮޅާ ކަރަންޓު ކެނޑެމުން އަންނަތާ ތިން މަހެއްހާ ދުވަސްވެދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ކައުންސިލް އިދާރާ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ވެސް ރަށުގައި ހުރި ޖަނަރޭޓަރު ހެދުމަށްޓަކައި އިންޖިނިއަރުންތަކެއް އެ ރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އާ ޖަނަރޭޓަރެއް ހޯދަން ނިންމާފައިވާ ކަމަށް ވެސް އަޒީޒް ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެދުނު ގާތްގަނޑަކަށް ނުވަ އަކުން ފެށިގެން ކުރަންފެށި މުޒާހަރާ އަދިވެސް އެރަށުގައި ކުރިއަށް އެބަދެ އެވެ. އަދި އެ ރަށުން އަންހެނުން އިސްވެތިބެ މިއަދު ފެށި އެ މުޒާހަރާގައި ރަށުގެ ގިނަ އަދަދެއްގެ ފިރިހެނުން ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ